ޚަބަރު

އަނިޔާ ކުރިޔަސް ގަދަވާނީ ރައްޔިތުންގެެ ބާރު. ޒުވާނުންގެ އަޑަކީ މުޅި ގައުމުގެ އަޑު: ޖަމީލު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޒުވާނުންތަކެއް ހައްޔަރު ކުރުމަކީ ނާތަހުޒީބު އަދި ފިނޑި އަމަލެއް ކަމަށާއި، އަނިޔާ ކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރުކަަމަށާއި އަދި ޒުވާނުންގެ އަޑަކީ މުޅި ގައުމުގެ އަޑު ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މީގެ އިތުރުން ޖަމީލު ވިދާޅު ވެފައި ވަނީ ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑުގަދަކޮށް މުޒާހަރާ ކުރަނީ އަދުގެ ސަރުކާރުގެ ސިޔާސަތު ގޯސްވެ ރައްޔިތުންނަށާއި ގައުމަށް ނުރައްކާ ވެދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެންމެންގެ ރައްކާތެރިކަމަށް ޓަކައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އިދިކޮޅުން ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ސިޔާސީ ހަރަކާތްތަކެއް ބާއްވާފައެވެ.

އެގޮތުން މާފުށި ބޭރުން ކަނޑުމަތީގައި އިހުތިޖާޖު ކުރުމާއި، މާލޭ ސިޓީގައި އިދިކޮޅުން ބޭއްވި ސައިކަލު ބުރު ހިމެނެއެވެ. ނަމަވެސް އިއްޔެ ބޭއްވުނު ހަރަކާތަކީ އިދިކޮޅު ޕަރާތްތަކުން ބޭއްވި ހަރަކާތެއް ނޫން ނަމަވެސް އިދިކޮޅުގެ ބައެއް ބޭފުޅުން މި ހަރަކާތުގައި ވަނީ އަމިއްލަ ހައިސިއްޔަތުން ބައިވެރިވެފައެވެ.

އިއްޔެގެ ހަރަކާތަށް އިޝާރާތް ކުރައްވާ ޖަމީލު ވިދާޅުވެފައިވަނީ ރާއްޖެއަކީ ސިޔާސީ މިނިވަންކަން ބަލައިގެންފައިވާ ޑިމޮކްރެޓިކް ގައުމެއް ކަމަށާއި، ޒުވާނުން ނުކުމެ އިހުތިޖާޖު ކުރެވޭނެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ އިހުތިޖާޖުތައް ބާއްވަނީ ސަރުކާރުގެ ސިޔާސަތުތައް ގޯސްވެ ގައުމަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުންކަމަށެވެ.

އިއްޔެގެ ސައިކަލު ބުރުގައި 41 މީހުން ހައްޔަރު ކުރުމާއި ގުޅިގެން ޖަމީލު ވިދާޅުވީ ، ޒުވާނުންގެ ސުލްހަވެެރި ހަރަކާތަށް ހުރަސް އެޅުމަކީ ރައީސް ސޯލިހު ހިންގެވި އަނިޔާވެރި އަދި ދުސްތޫރާ ހިލާފު އަމަލެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!