ޚަބަރު އިޖުތިމާޢީ

މަސް ބޭނުމާއި ކެއްކުމުގެ މުބާރާތެއް މިނިސްޓްރީން ބާއްވަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މަސްވެރިކަމުގެ ދުވަހާއި ގުޅުވައިގެން ފަރެސްމާތޮޑާގައި ބޭއްވި މަސްކެނޑުމުގެ މުބާރާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފިސް

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރަހަވަރު ކެއްކުމުގެ މުބާރާތް" އަދި ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MWSC

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 7 ވަނަ ދުވަހު ކެއްކުމުގެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މި މުބާރާތުގެ އަމާޒަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ދާއިރާއިން ފުރުސަތު ފަހިކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި އެފަރާތްތައް ބައިވެރިކުރުން ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީ އާއި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ކެއްކުމުގެ މުބާރާތް އޮންނާނީ މާލޭގަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެއިތުރުން، ފަރުމަސްވެރިކަމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުންނެވެ.

މި މުބާރާތަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓާކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓާކޮށްފައިވާ ޖަމުއިއްޔާ ޖަމާއަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެ މިނިސްޓްރީން ހަދާފައިވާ ގޫގްލް ފޯމް ފުރިހަމަ ކުރުމަށް އެދިފައިވެ އެވެ.

މިނިސްޓްރީން ވަނީ މުބާރާތުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ކަނޑައަޅާ އާންމުކޮށްފަ އެވެ. ފަރުމަސްވެރިކަމާ ބެހޭ އާންމު ގަވާއިދުގައި ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފޯމު ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ފަރާތަކަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!