ލައިފްސްޓައިލް

ޙަޤީޤީ ހާދިސާ : ޒިނޭކޮށް ލިބުނު ދަރިއަކާމެދު މީހަކު ކަންތައް ކުރިގޮތް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ އެހެން މީހުންގެ ޢަމަލުތަކާއި އެހެން މީހުން ފެންނަ ފެނުމަށް ބަސްކިޔާ އުޅޭ މީހުންނެވެ. އެފަދަ މީހުންނަށް އަބަދުވެސް އެހެން މީހުންގެ އުޅުމާއި ގުޅުމަކީ ، ތިމާގެ އަމިއްލަ ކަންކަމަށްވުރެ އިސްކަން ދެވޭ ކަންތައްތައް ކަމުގައިވެއެވެ. ނަމަވެސް ހިތަށް ހަމަޖެހުމާއި އުފާވެރިކަން ބޭނުންވާނަމަ އަދި އާޚިރަތުގައި ﷲ ތަޢާލާގެ ހެޔޮ ޖަޒާ ބޭނުންވާ ނަމަ މިކަންކަމުން ރައްކާތެރިވެ އެހެންމީހުންގެ ކަންކަމަށް "ކަނު ލޮލެއް" ދޭން ޖެހެއެވެ.
ﷲ ތަޢާލާގެ ޙަޟްރަތުގައި އެހެން މީހުންނަށްވުރެ ތިމާ މާ މަތިވެރިވެގެންވާ ކަމަށް ދުށުމަކީ ބޮޑާވެ ގަތުމެކެވެ. މީހެއްގެ ސިފައަކުން އަދި އޭނާކުރާ މަސައްކަތުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކަށް އޮތް މަޤާމަކީ އެއްވެސް މީހަކަށް ކަނޑައެޅޭނެ ނިޔާއެއް ނޫނެވެ. އަދި ކިއެއްތަ؟ އެއީ އިންސާނުންނަށް އޮތް ވަޒީފާއެއް ވެސް ނޫނެވެ.
އަހަރެމެންގެ އަޚަކު ނުވަތަ އުޚުތަކުގެ ކިބައިން ގޯސް ޢަމަލެއް ފެނިއްޖެނަމަ އެކަމާމެދު ޢަމަލު ކުރާން އޮތް ގޮތަކީ އޭނާއަށް އިޚްލާޞްތެރިކަމާއެކު ވަކިން ނަސޭހަތްތެރިވުމެވެ. އާންމުންގެ ތެރޭގައި އެމީހަކު ފަޟީޙަތް ނުކުރުމެވެ.
މިވާހަކައަކީ ވެސް އެފަދަ ޢިބްރަތްތެރި ވާހަކައެކެވެ. ދިމިޝްޤްގެ ބޭކަލެއް ކަމަށްވާ އަލްޚުޝޫޢީ ލިޔުއްވާފައިވާ މި ވާހަކަ ގެނެސްދީފައިވަނީ ސޯމާލިއާއަށް އުފަން އަދި އެމެރިކާގައި ދިރިއުޅުއްވާ ޝައިޚެއް ކަމަށްވާ ސަޢީދު ރަޤީއާގެ ދަރުހެއްގައެވެ.
އަލް ޚުޝޫއީ ބަޔާންކޮށްފައިވެއެވެ. އިމާމެއް އޭނާ ގާތުގައި ބުންޏެވެ. އެއް ރެއެއްގެ ހުވަފެނުގައި އިމާމްއަށް ރަސޫލުﷲ ޢަލައިހި ވަސައްލަމްގެ މޫރިތި ސޫރަފުޅު ހުވަފެނެއްގައި ފެނުނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އޭ އިމާމެވެ. ތިބާގެ އަވަށްޓެރިޔާ ގާތުގައި ބުނާށެވެ. އެ އަވަށްޓެރިޔާއަކީ ސުވަރުގޭގައި ތިމަން ކަލޭގެފާނުގެ އަވަށްޓެރިއެކެވެ.
އިމާމް އެވަގުތު ހިތަށްއެރިއެވެ. ޢާލިމަކީ ވެސް ޙާފިޡަކީ ވެސް އަދި މުފްތީ އަކީ ވެސް އޭނާއެވެ. އެހެންނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ ޙަދީޘްފުޅު ކުރައްވަނީ އާދައިގެ އިންސާނެއްގެ ވާހަކައެވެ. މަގުމައްޗަށް ނުކުމެ އެތިކޮޅެއް ވިއްކާލައިގެން ކައިބޮއެ އުޅޭ މީހެއްގެ ވާހަކައެވެ. އެހެންވީއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަވަށްޓެރިއެއްގެ ގޮތުގައި އޭނާ ސުވަރުގެ ޙާޞިލް ކުރާނީ ކޮން ޢަމަލެއް ކޮށްގެން ބާވައެވެ.
މިޝައްކުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޚަބަރު އިމާމް ، އަވަށްޓެރިޔާ އަށް ނުދީ މަޑުކުރިއެވެ. ނަމަވެސް ޖެހިގެން އައިރޭ ވެސް އިމާމަށް ހަމަ މި ހުވަފެން ފެނުނެވެ. އަދި ތިންވަނަ ރޭ ވެސް މި ހުވަފެން ތަކުރާރުވިއެވެ.
ތިންވަނަ ރޭގެ ފަހުން ، ޖެހިގެންއައި ދުވަހު އިމާމު އަވަށްޓެރިޔާގެ ގާތަށް ޒިޔާރަތް ކުރިއެވެ. އަދި އޭނާއަށް މި ޚަބަރު ދިނެވެ. އޭ އަވަށްޓެރިޔާއެވެ! ތިބާއަކީ ސުވަރުގޭގައި ރަސޫލުﷲ ޞައްލަﷲގެ އަވަށްޓެރިއެއްކަމަށް އެކަލޭގެފާނު ޙަދީޘް ކުރައްވާތީ ތިމަންނައަށް ތިން ރޭ ހުވަފެނުގައި ފެނިއްޖެއެވެ. ސުވަރުގެ ޙާޞިލްވުމުގެ އިތުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަވަށްޓެރިއެއްގެ މަތިވެރި މަޤާމް ތިބާއަށް ޙައްޤުވީ ތިބާ ކޮން ޢަމަލެއް ކޮށްގެން ހެއްޔެވެ؟
މި ސުވާލުގެ ޖަވާބުގައި އިމާމް އާއި އަވަށްޓެރިޔާ ދިގުކޮށް ވާހަކަ ދެއްކެވިއެވެ. އަވަށްޓެރިޔާ ބުންޏެވެ. އަހަރެން ކައިވެނިކުރީ ރަށުގެ އަހުލުވެރިންގެ އިހްތިރާމާއި ލޯބި ލިބިގެންވާ މީހެއްގެ ދަރިއަކާއެވެ. ކައިވެނީގެ ފުރަތަމަ ރޭ އަހަރެންގެ އަނބިމީހާ ހިތާމަކޮށް ރޮއި ހަދާ މަންޒަރު އަހަރެން ދުށީމެވެ. އެވަގުތު އަހަރެން ބުނީމެވެ. ދެރަ ނުވާށެވެ. އަހަރެމެން ދެމީހުންނަކީ ގުޅޭ މީހުން ކަމުގައި އަދި ވާނެއެވެ.
އެހިނދު އެކަނބުލޭގެ ބުންޏެވެ. އަހަރެން ހިތާމަކޮށް މިރޮނީ އެކަމަކާއި ނޫނެވެ. އަހަރެން މި ރޮނީ ޒިނޭކޮށް އަހަރެން ބަނޑުބޮޑުވެފައިވާތީއެވެ.
އަވަށްޓެރިޔާ ކިޔައިދިނެވެ.
އެވަގުތު ކަންބޮޑުވެ އަހަންނަށް ހަދާނެ ގޮތް ހުސްވިއެވެ. މިވާހަކަ ދައްކައިފިނަމަ އަބުރުވެރި ގަދަރު ލިބިގެންވާ އާއިލާގެ ގަދަރު ވެއްޔާއި މޮޑެވި އެމީހުން ފަޟީލަތް ވާނެއެވެ. މި ވިސްނުމުގައި އެކަން ސިއްރުކުރަން އަހަރެން ނިންމީމެވެ. އަދި އެކަނބުލޭގެ ވަކިން ކޮޓަރިއަކަށްލާ އެކަނބުލޭގެ އަށް ފާފަ ފުއްސަވައި ދެއްވާތޯ ދުޢާ ކުރަމުން ގެންދިޔައިމެވެ.
އެންމެފަހުން އެކަނބުލޭގެ ރީތި ފިރިހެން ކުއްޖަކު ވިހައިފިއެވެ. ދަރިފުޅު ވިހެއުމުން އެކުއްޖާ ދިނުމަށާއި އަނބުރާ ގެނެސްދޭނެ ކަމަށް އަހަރެން ބުނީމެވެ.
އެރޭގެ ފަތިސް ނަމާދަށް ދިޔުން އަހަރެން ގަސްދުގައި ލަސްކޮށްލީމެވެ. ޖަމާޢަތް ފެށި ފަހުން އަހަރެން މިސްކިތަށް އަރާ މި ތުއްތު ކުއްޖާ މިސްކިތުގެ އެއް ފަރާތެއްގައި ބާއްވާ ޖަމާއަތުގައި ބައިވެރިވީމެވެ. ޖަމާޢަތް ނިމި މިސްކިތުން ފައިބަން ދިޔަ މީސްތަކުންގެ ނަޒަރު ކުއްޖާއަށް ހުއްޓުނެވެ. އަދި ކޮންމެ ވެސް މީހަކު މިސްކިތުގެ ތެރެއަށް ކުއްޖަކު ދޫކޮށްލާފައި ދިޔަ ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު އަހަރެން އަވަސްއަވަހަށް އެމީހުންގެ ގާތަށް ގޮސް ބުނީމެވެ. ޔަތީމު ކުއްޖަކު ބެލުމަކީ އަހަރެންގެ އަނބިމީހާ އަބަދު ވެސް ބޭނުންވާ ކަމެކެވެ. ތިކުއްޖާ އަހަންނަށް ދޭށެވެ. އަހަރެންމެން ތިކުއްޖާ ބަލާނަމެވެ.
އަހަރެން ކުއްޖާ ނަގައިގެން ގޮސް އަނބިމީހާ އަށް ދިނީމެވެ. އަދި އެކުއްޖާގެ ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވަން ބުނީމެވެ. އަހަރެން މިވާހަކަ އިމާމަށް މި ކިޔައިދެނީ ހަމައެކަނި އެންމެ ސަބަބަކަށްޓަކައެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަވަށްޓެރިއެއްގެ ގޮތުގައި ސުވަރުގޭގައި ވުމަށް އަހަރެން ލޯބި ކުރާތީއެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އިންސާނުންނަކީ ކުށްކުރެވޭނެ ބައެކެވެ. ނަމަވެސް އެމީހުން ފަޟީޙަތްކޮށް އެވާހަކަ ފެތުރުމަކީ ނުބައިކަމެކެވެ. އެކަންކަން ސިއްރުކޮށްގެން ތިބާއަށް ވެސް ސުވަރުގޭގެ މަތީ ދަރަޖަ ޙާޞިލް ކުރެވިދާނެއެވެ.

Ads by MWSC
Ads by Allied Insurance
  1. ނަސީބު

    ވަރަށް އިބުރަތްތެރި ވާހަކަަ އެއް މަށައް ހަމަ ރޮވިއްޖެ މީތި ކިޔާފަ