ޚަބަރު ރައްޔިތުންގެ މަޖިލިސް

ވީއައިއޭ ޓާމިނަލުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެސްއޯއީ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މަޖިލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތަރައްގީ ކުރަމުންދާ އާ ޓާމިނަލްގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ އަހަރުގެ މެދުތެރޭގައި އެ ޓާމިނަލް ހުޅުވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އާ ޓާމިނަލުގެ ކޮންމެވެސް އެއް ކޮމްޕޯނެންޓެއް މި އަހަރުގެ ތެރޭގައި ހުޅުވުމުގެ ފުރުސަތު އެ ކުންފުންޏަށް އެބައޮތް ކަމަށެވެ. ނަމަވެސް، ފަތުރުވެރިން އެންމެ މަދުން ރާއްޖެއަށް ޒިޔާރާތްކުރާ ދުވަސްވަރަކާއި ދިމާކޮށް ޓާމިނަލް ހުޅުވޭނެ ގޮތަކަށް އިންތިޒާމް ކުރުމަށް އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ) އިން ލަފާ ދެއްވާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އޭއޯސީން އެގޮތަށް ލަފާ ދެއްވާފައިވަނީ، މައްސަލައެއް ދިމާވެގެން ދޮޅުގަޑިއިރުގެ ޑިލޭއެއް ޝެޑިއުލަށް އައިސްފި ނަމަ، ދުބާއީން ޔޫރަޕަށް ހުރި ހުރިހާ ކަނެކްޝަން ފްލައިޓުތަކެއްގެ ޝެޑިއުލްގައި މައްސަލަ ޖެހޭނެތީ ކަމަށެވެ.

"މިހާރުގެ ޝެޑިއުލަށް ބަލާނަމަ މި އަންނަ އަހަރު ޖޫން - ޖުލައި ގައި އަޅުގަނޑުމެންނަށް ޓާމިނަލް ހުޅުވޭނެ. ޓާމިނަލުގެ މަސައްކަތްތައް ޕްލޭންޑް ލެވެލްއަކީ މިއަދާ ހަމައަށް 82 ޕަސެންޓް، އަޅުގަނޑުމެންނަށް އެޗީވްވެއްޖެ 85 ޕަސެންޓް،" ޝަރީފް ވިދާޅުވި އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަކީ، ދިވެހީންގެ ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލާނެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ކުރިޔަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮންނާނެ ގޮތުގެ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ.

މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫއު ނިމޭއިރު ވީއައޭއިން އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލުން މީގެކުރިން ބުނެފައިވެ އެވެ. އެއީ ގަޑިއަކު 4،000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!