ހަނިމާދޫގައި ސީޕްލޭން ޓާމިނަލެއް ހަދައި އެ ސަރަހައްދަށް ހިދުމަތް ދިނުމުގެ ވިސްނުން އެބަހުރި: މުޖުތަބާ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ފައިދާ ލިބޭ އެއާޕޯޓަކަށް ހެދޭނީ އެ ސަރަހައްދުގައި ހުރި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާ ގުޅިގެން ކަމަށް ވާތީ އެ އެއާޕޯޓުން ސީޕްލޭންގެ ހިދުމަތްދޭން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓު، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވެމުންދާއިރު، އެ އެއާޕޯޓަކީ ފައިދާ ލިބޭނެ އެއާޕޯޓަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެ އެމްއޭސީއެލްއަށް އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް ހަނިމާދޫގައި ސީޕްލޭން ގާއިމުކުރާނަން. އެއީ އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒަބަލް ވާނީ ކައިރީގައި ހުރި އެނދުތަކަކަށް އެކްސެސްވެގެން،" މުޖުތަބާ ވިދާޅުވި އެވެ.
ހަނިމާދޫއަށް އަންނަ ފަސިންޖަރުންނަށް އެ ސަރަހައްދުގައި ހުރި ރިސޯޓުތަކަށް ދެވޭ ނަމަ އެ އެއާޕޯޓުން ފައިދާވާނެ ކަމަށެވެ. އެއާޕޯޓު ހުޅުވޭއިރަށް ހިދުމަތް ފެށޭވަރު ނުވި ނަމަވެސް، އެއާޕޯޓު ހުޅުވުމާ އެކު ކުޑަ ޓާމިނަލެއް ހަދައި ސީޕްލޭންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ވަރަށް އަވަހަށް ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރެއްވި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓަކީ ނެރޯ ބޮޑީ ފްލައިޓް ޖެއްސޭ ގޮތަށް ތަރައްގީ ކުރަމުންދާ އެއާޕޯޓަކަށް ވުމުން މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާ ބައެއް ފްލައިޓުތައް އެ އެއާޕޯޓަށް ބަދަލު ކުރެވޭނެ ކަމުގަ އެވެ.
ހަނިމާދޫ އެއާޕޯޓަކީ އިންޑިއާއިން ދީފައިވާ 800 މިލިއަނުގެ ކްރެޑިޓް ލައިންގެ ދަށުން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓެކެވެ. މި މަޝްރޫއުގެ މަސައްކަތް އިންޑިއާގެ ޖީއެމްސީ އާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެއާޕޯޓުގެ އާ މަޝްރޫއާ އެކު 2.7 ކިލޯ މީޓަރުގެ ރަންވޭއަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލެއްގެ އިތުރުން ޖެޓް ފިއުލް ސްޓޯރޭޖެއް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.