މުނިފޫހިފިލުވުން

ޖުމައްޔިލު ނުލާ "ބަޅިނދު": އާޕޯސްޓަރުތަކާއެކު ކާސްޓުންނަށް ބޮޑު ބަދަލެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން ގެންދާ "ބަޅިނދު" ގެ ކާސްޓަށް ގެނައި ބޮޑު ބަދަލަކާއެކު އެފިލްމުގެ ކާސްޓުންގެ އާޕޯސްޓަރުތައް މިއަދު ނެރެފިއެވެ.

Ads by STELCO

ލޮކްޑައުންގެ ކުރިން ފިލްމުގެ ގާތްގަނޑަކަށް 45% ޝޫޓްކޮށް ނިމިފައިވަނިކޮށް، ބޮޑު ބަދަލަކާއެކު އެފިލްމުގެ ޝޫޓިން އަލުން ވަނީ ކޮށްފައެވެ.

އެގޮތުން ފިލްމުގެ ކާސްޓަށް މިހާރު ގެނެސްފައިވާ ބަދަލުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ކުރިން މިފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ ޖުމައްޔިލު ނިމާލްގެ ބަދަލުގައި އަލީ އާޒިމް (ދޮން އައްޔަ) ފެނުމެވެ.

"އަލުން ބަލުން ޝޫޓިންގ އެއްކޮށް ކަހަލަ ގޮތަކަށް ރީޝޫޓް މިކުރަނީ. ޖުމައްޔިލުގެ ހުރިހާ މަންޒަރެއް ރީޝޫޓްކޮށް، ބަދަލުގައި އުޅޭނީ ދޮން އައްޔަ" ޑާކްރެއިންގެ ބާނީ އަދި ބަޅިނދުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުންޏެވެ.

"ބަޅިނދު" ގެ ކާސްޓުންގެ ގޮތުގައި މިހާރު ފެނިގެން ދާނީ އައިމިނަތު ރަޝްފާ (އާޝާ)، އިސްމާއިލް ޖުމައިޙް (ޖުމާ)، ހުނޭޝާ އާދަމް ނަސީރު (ހުނޫ)، އަލީ އާޒިމް (ދޮން އައްޔަ)، ނުޒުޙަތު ޝުއައިބު (ނުޒޫ)، އައިޝަތު ޢަލީ (އައިޝާ)، ޝަރަފް އަބްދުﷲ އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

 

ފިލްމުގެ ކާސްޓަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، ކުރިން މިފިލްމުގައި ޖުމައްޔިލުގެ އިތުރުން ފާތިމަތު ޝަރާ އާދަމް އަދި މުޙައްމަދު ޔުނާން ވެސް ހިމެނުނެވެ. ނަމަވެސް އައި ބަދަލަކާއެކު ފިލްމުގެ ކާސްޓުންގެ ލިސްޓަށް މިހާރު ގުޅިފައިމިވަނީ ދޮން އައްޔަ، ޝަރަފް، ނުޒޫ އަދި މަޖޫ އެވެ.

މޮގާ ބުނި ގޮތުގައި މިފިލްމުގެ ޝޫޓިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

ހޫދު އިބްރާހިމްގެ ސްކްރީންޕްލޭ އަކަށް ލިޔެފައިވާ މިފިލްމަކީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ލިޔެފައިވާ ވާހަކައެކެވެ. މިފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަޙްމަދު ޝިނާން އެވެ.

"ބަޅިނދު" ޕްރޮޑިއުސް ކޮށްފައިވަނީ މޮގާ ގެ އިތުރުން އައިޝަތު ފުއާދު ތައުފީޤް އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!