ފިލައިގެން އުޅުނު ބިދޭސީއަކު ކެފޭއެއްގައި މަސައްކަތް ކުރަނިކޮށް އަތުލައިގެންފި

ރާއްޖެ އައިސް ފިލައިގެން އުޅުނު ބިދޭސީއަކު އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގައި ހިންގަމުންދާ 3 ކެފޭއެއް މިއަދު ހަވީރުގެ ވަގުތެއްގައި ބަލައި ފާސްކުރި ކަމަށެވެ.
އަދި އެތަނުން ކެފޭއެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ވެސް ބުންޏެވެ.
އޭގެ ތެރެއިން އެކަކީ ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީއެއް ކަމަށެވެ.
ރާއްޖެއަށް މަސައްކަތަށް ބިދޭސީން ގެނައުމުން އެ މީހުން ފިލުމުގެ މައްސަލަ ވަރަށް ބޮޑެވެ. އަދި ފިލުމުން ރިޕޯޓްކުރި ނަމަވެސް އެފަދަ ބިދޭސީން ގިނަ ފަހަރު ނުވެސް ހޯދައެވެ.
ގިނަ ބިދޭސީން ފިލަނީ ބޮޑު މުސާރައެއް ލިބޭ ތަނަކުން ވަޒީފާއެއް ލިބުމުން ނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ގަވައިދުން ރެއިޑްތައް ހިންގަމުން ނެވެ. އަދި ގިނަ އަދަދެއްގެ އެފަދަ ބިދޭސީން ދަނީ އަތުލައިވެސް ގަންނަމުން ނެވެ.
އޮޕަރޭޝަންތަކުގައި 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރިއިރު، ޖުމްލަ 5،012 ބިދޭސީން ވަނީ ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.