ލައިފްސްޓައިލް

ޑރ. ރާޒީގެ ހަނދާނުގައި: ކޮންމެ ފަހަރަކުވެސް ބޭސް ސިޓީގައި ލިޔުއްވުމުގެ ކުރިން، އަމިއްލަފުޅަށް بسم الله ލިޔުއްވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ކަޅާއި ހުދުގެ ޑޮކްޓަރ" މިހެން ބުނުމުން މިދައްކަނީ ކޮން ޑޮކްޓަރެއްގެ ވާހަކައެއްކަން ނޭނގޭނެ ތިބޭނީ މަދު ބައެކެވެ.

Ads by Hajj Corporation

އެޑޮކްޓަރަކަށް ދެއްކުމަށް ގިނަ ބަޔަކު ނުހަނު ބުރަ މަސައްކަތާއިއެކު ވެސް ނަންބަރު ނަގާ، ޑޮކްޓަރަށް ދައްކަން ގޮސް ތިބީ، ހަމަޔަގީނުން ވެސް އޭނާއަކީ އެދާއިރާގައި އެއިރު ހުންނެވި އެންމެ މޮޅު ޑޮކްޓަރު ކަމަށް ވާތީއެވެ.

އަޅުގަނޑު މިދައްކަނީ އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު، އަލްމަރްޙޫމް ޑރ. އަޙުމަދު ރާޒީ ގެ ވާހަކައެވެ. އުމުރުފުޅުން 59 އަހަރުގައި، 2014 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ޑރ. ރާޒީ ނިޔާވި ޚަބަރަކީ ރާއްޖޭގެ ގިނަ ބައެއްގެ ހިތްތައް ހިތާމައިން ފުރާލި ޚަބަރަކެވެ.

ޑރ. ރާޒީ އަކީ ބަލިމީހުންނާއި ނުހަނު އޯގާތެރިކަމާއެކު ވާހަކަ ދައްކަވާ، ނުހަނު ފަރުވާތެރި ކަމާއެކު ބަލިމީހުން ބެއްލެވި ޑޮކްޓަރެކެވެ. ޑޮކްޓަރަށް ދެއްކުމަށް އޭނާ ގާތަށް ބަލިމީހުން ދިޔައީ ނުހަނު ބޮޑު އިތުބާރަކާއެކު ގައެވެ.

މިދުނިޔެއަށް ޑރ. ރާޒީ އަލްވަދާއު ކީތާ މިހާރު ހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިއަދު އެމަނިކުފާނުގެ ވާހަކަތައް އަނެއްކާ ވެސް މިފެށުނީ، މީސްމީޑިއާ ގައި ދައުރުވަމުން ދިޔަ ފޮޓޯތަކެއް ފެނުމުންނެވެ.

ޑރ. ރާޒީ މަސައްކަތް ކުރެއްވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު ގައެވެ. އޭނާއަށް ދެއްކި ބަލިމީހުން ވެސް އެއްބަސްވާ ގޮތުގައި ޑރ. ރާޒީ އަކީ ވަރަށް އޯގާތެރި ޑޮކްޓަރެކެވެ. އެއާއެކު އެހެން ކަމެއް ވެސް އެމީހުން ފާހަގަ ކުރިއެވެ. ބަލިމީހުންގެ ބޭސް ސިޓީގައި، ބޭސް ލިޔުމުގެ ކުރިން ކޮންމެ ފަހަރަކު ވެސް ބޭސް ސިޓީގައި އަމިއްޔަފުޅަށް بسم الله الرحمن الرحيم ލިޔުއްވިއެވެ. ބޭސް ލިޔެ ދެއްވަން ފަށަނީ ބަލި މީހުންނަށް ޝިފާ ދެއްވާ ، މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުންނެވެ.

 

މިއީ އަޅުގަނޑުމެންގެ ތެރޭގައި މަދު ބައެއްގެ ކިބައިގައި ނޫނީ ނުހުންނަ ސިފައެކެވެ. މީގެން ވެސް އެނގޭ ކަމަކީ ޑރ. ރާޒީ އަކީ ނަމޫނާ ބޭފުޅެއް ކަމެވެ.

މާތް ﷲ ޑރ. ރާޒީގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވާފާނދޭވެއެވެ. އެމަރްޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާފާނދޭވެއެވެ. އާމީން!

Ads by Ooredoo
  1. ައިސްމާއިލް ނިޝާން

    އާމީން

  2. ޑިމޮކްރަސީ

    އާމީން