މި އަހަރުވެސް އެޗްޑީސީން ފިޔަވަތި ފަންޑޭ ބާއްވައިފި

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން މި އަހަރުގެ "ފިޔަވަތި ފަން ޑޭ" ކުރިއަށް ގެންގޮސްފި އެވެ.
"ފިޔަވަތި ފަން ޑޭ" އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން، މުނިފޫހި ފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރު މި އިވެންޓު ފާހަގަކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު އެވެ.
އެގޮތުން ތަފާތު ގިނަ ހަރަކާތްތަކާއެކު މި އަހަރުގެ ފިޔަވަތި ފަންޑޭ މިއަދު ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ފަރުކޮޅުފުށީގައި ކަމަށް އެޗްޑީސީން ބުންޏެވެ.

މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސައިންނެވެ.
އެއަށްފަހު، ޕިކްނިކާއެކު ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަރޓެއިންމަންޓާއި ޕޫލް ޕާޓީއެއް ވަނީ ބާއްވާފަ އެވެ.
އެއަށްފަހު ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވާފަ އެވެ. މި ޕާޓީގައި ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ޕާޓީގައި، ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އަދި އެޗްޑީސީގެ އެމްޑީ، ފަޒުލް ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެން، ފިޔަވަތި ކުދިންނާއެކު ވަގުތު ހޭދަކުރައްވައި އެކުދިންގެ ހާލު ބައްލަވާފަ އެވެ.
ސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެކުދިންނާއެކު ކޭކު ފެޅުމުގައި ބައިވެރިވެލައްވާފަ އެވެ.
މި އަހަރުގެ މި އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިންގ ރޫމް ހަދިޔާ ކުރުމެވެ.
އެގޮތުން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވަނީ ފިޔަވަތީގައި މި ގޭމިން ރޫމްތައް ތަރައްގީ ކުރުމަށް 240،000ރ. ގެ ފަންޑު ރެއިޒްކޮށްފަ އެވެ.
އަދި "ފިޔަވަތި ފަންޑޭ" ނިންމާލުމުގެ ގޮތުން އެޗްޑީސީން ވަނީ މި ޑޮނޭޝަން ފިޔަވައްޗާ ހަވާލުކޮށްފަ އެވެ.
އެޗްޑީސީގެ ފަރާތުން ގޭމިން ރޫމްތައް ހަވާލުކުރެއްވީ އެމްޑީ ފަޒުލް އެވެ. އަދި ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފިޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސްމާ ހަސަން މަނިކު އެވެ.

ހަސްމާ ވިދާޅުވީ، އެ ގޭމިން ރޫމްތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.
"އެޗްޑީސީގެ ސްޓާފުން އިސްނަގައިގެން ފިޔަވަތި ކުދިންނަށް ހަދިޔާކުރި ޕްލޭ އޭރިއާއަކީ މިވަގުތައް ފިޔަވަތި ކުދިންނަށް ވަރަށް ބޭނުންތެރި، އޭގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެން. ހަމަ އެއާއެކު އެޗްޑީސީން ފިޔަވަތި ކުދިންނާމެދު ބަހައްޓަމުންގެންދާ ގާތްކަމަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި ފިޔަވަތީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އެޗްޑީސީގެ އެމްޑީއަށާއި ހުރިހާ ސްޓާފުންނަށް ވަރަށް އިހުލާސްތެރި ޝުކުރެއް ދަންނަވަން." ޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ހަސްމާ ވިދާޅުވި އެވެ.
"ފިޔަވަތި ފަންޑޭ" ގެ ނަމުގައި އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ވަނީ ފާއިތުވި ދެ އަހަރުވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
ކުރީ ދެ އަހަރާ ހިލާފަށް މި އަހަރުގެ މި ދުވަސް ފާހަގަކުރީ އެޗްޑީސީގެ ހުރިހާ ސްޓާފުންގެ ފަރާތުންނެވެ. އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް ފިޔަވަތި ފަދަ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ.