މަސްތުވާތަކެއްޗާބެހޭ ބިލް ޖުޑިޝަރީ ކޮމިޓީއަށް
މަސްތުވާތަކެއްޗާބެހޭ ގާނޫނު އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން, ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ 57 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ހުށަހަޅާ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި މަސްތުވާތަކެތި ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ, މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އެކަންކަން ހުއްޓުވަން ކަމަށެވެ.
ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ, ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަކީ ވެސް އެ އިސްލާހުތަކުގެ ބޭނުމެކެވެ.
ބިލުން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން ހިމެނެ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރަދަނާ ކުރުމާއި ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖާކުރުމަކީ ވެސް އެ ބިލުގައި ހިމަނާފައިވާ ކަންކަމެވެ.
އެ ބިލުގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމަކީ ހާސިލްކުރަން ބޭނުންވާ މަގުސަދެއް ކަމަށެވެ. އަދި ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.
އެނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުން އެ ބިލުގައި ވަނީ ހިމަނާފަ އެވެ.
އެ ބިލްގެ އިބްތިދާއީ ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރެއްވި އެއް ކަމަކީ ގާނޫނުތައް ހެދުނު ކަމުގައި ވިޔަސް ތަންފީޒުނުކޮށް ދޫވެގެންދާ ވާހަކައެކެވެ. ތަންފީޒީ އިދާރާތަކުން ކުށްވެރިންނަށް އެކަށީގެންވާ އަދަބު ނުދެވުމަކީވެސް މެންބަރުންގެ ކަންބޮޑުވުމެކެވެ.