ގުރުއާނުގެ ބައެއް އުނިކޮށް ދެއްކިފައިވާތީ ޕީއެސްއެމުން މާފަށް އެދިއްޖެ

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ލައިވްކުރި ޖަލްސާއެއްގައި ގުރުއާނުގެ ބައެއް އުނިކޮށް ދެއްކިފައިވާތީ އެ ކުންފުނިން މާފަށް އެދިއްޖެ އެވެ.
ޕީއެސްއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގުރުއާނުގެ ބައެއް އުނިކުރި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި އެ ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ބަލާފައިވާ ކަމަށެވެ.
އެއަށް ފަހު ފާހަގަކުރެވުނު ބައެއް ކަންކަން ނޫސް ބަޔާނުގައި ހިމަނާފައިވެ އެވެ.
"ކީރިތި ގުރުއާނުގެ ބައެއް އުނިވެފައިވަނީ، އެޑިޓް ކުރުމުގެ ސަބަބުން ނޫނެވެ" ބަޔާނުގައި ބުންޏެވެ.
އެ ޓީވީ ސްޓޭޝަނުން ބުނީ އެ ކޮންޓެންޓު ލައިވްކުރަން ފަށާފައިވަނީ ޕީއެސްއެމްގެ ނިއުސް ކޮންޓްރޯލް ރޫމުން ނޫން ކަމަށެވެ.
އެއަށް ފަހު ކުންފުނީގެ މައި ސިގްނަލް ރޫމަށް ބަދަލުކުރި ކަމަށާއި އެއާ ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމަކީ އާއްމު ގޮތެއްގައި ކުރާ ކަމެއް ނޫން ކަމަށް ބުންޏެވެ.
އެހެން ނަމަވެސް ހަވާލާދެވުނު ކޮންޓެންޓް ލައިވްކޮށް ގެނެސްދިން އިރު އެއާ ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ސިގްނަލް ބަދަލުކުރީ ގުރުއާން ކިޔަވަމުން ދަނިކޮށެވެ. މިއީ އާއްމު ގޮތެއްގައި ކުރާ ކަމެއް ނޫނެވެ - ޕީއެސްއެމް
ކޮންޓްރޯލް ރޫމްގައި އެވަގުތު ތިބި މުވައްޒަފުންގެ އިހުމާލުން އެކަން ހިނގާފައިިވާތީ އެ ވަގުތު ޑިއުޓީގައި ތިބި މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.