ތިން މިނިސްޓްރީއެއްގެ ހިދުމަތް ދަރުބާރުގޭގައި ފަށައިފި
މިދިޔަ ބުރާސްފަތި ދުވަހު މ. ގްރީން ބިލްޑިންގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ތިން މިނިސްޓްރީއެއްގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް މިއަދު ބަދަލުކޮށް ހިދުމަތް ފަށައިފި އެވެ.
ދަރުބާރުގޭގައި ހިދުމަތް ދޭންފެށީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭނުން ނުކުރެވޭ ވަރަށް އެނދި ގްރީން ބިލްޑިންގައި ހިންގަމުންދިޔަ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން ކްލައިމެޓް ޗޭންޖް، އެންވާރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ އެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވެސް ހިންގަމުން އައި އެ ބިލްޑިންގަ އެވެ.
އެ ތިން މިނިސްޓްރީގެ މުވައްޒަފުން މިއަދު މަސައްކަތަށް ދަރުބާރުގެއަށް ޑިއުޓީ އަށް ނިކުތްއިރު އެތަން ވަނީ ވަގުތީ ގޮތުން އެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލަކަށް ސެޓްއަޕް ހަމަޖައްސާފަ އެވެ. މިދިޔަ ހަފުތާ ބަންދުގައި ދަރުބާރުގެ އޮފީހެއްގެ ގޮތަށް ބަދަލު ކުރުމަށް ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ މަސައްކަތް ކޮށްފަ އެވެ.
އެތަނުގައި މަސައްކަތް ކުރިއަށްދާ ގޮތާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި "ދެން" އިން ސުވާލު ކޮށްލުމުން ވިދާޅުވީ، މަސައްކަތް ކުރިއަށް ގެންދިއުމުގައި އަދި ދަތިތަކެއް އެބަހުރި ކަމަށެވެ. އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ކޮމްޕިއުޓާ ސިސްޓަމް އަދި ހަމަޖެހިފައިނުވާ ކަމަށް ވިދާޅުވި އެވެ.
"ހުރިހާ މުވައްޒަފުންނަކަށް އަދި ކޮމްޕިއުޓާ ސިސްޓަމްތަކެއް ނުލިބޭ. އެހެންވެ، އަދި ބައެއް މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ގޭގައި،" ހައިދަރު ވިދާޅުވި އެވެ.
ނަމަވެސް، ގޭގައި ތިބެގެން މަސައްކަތް ކުރަމުންދަނީ އެ މިނިސްޓްރީގެ ކިތައް މުވައްޒަފުން ކަމެއް ސާފެއް ނުވެ އެވެ.
އެ އަލިފާނުގެ ހާދިސާގައި އެއްވެސް މުވައްޒަފަކަށް އަނިޔާވެފައެއް ނުވެ އެވެ. ނަމަވެސް، ދައުލަތުގެ ބައެއް ޑޭޓާތައް ގެއްލިދާނެކަމުގެ ބިރު އެބައޮތެވެ.