ޚަބަރު

ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދެނީ

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އެދެން އެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީން ނިންމައިފި އެވެ.

Ads by Hajj Corporation

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގާ ގްރީން ބިލްޑިން ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިިިދިކޮޅު މައި ޕާޓީ އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕު ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ހުށަހަޅަނީ އަލިފާނުގެ ހާދިސާ ހިނގި ދުވަހު މަޖިލީސް ޗުއްޓީއަށް ދިޔުމާއި ގުޅިގެން އެކަމުގައި އެއްވެސް ކަމެއް ނުކުރެވޭތީ ކަމަށެވެ.

"އެބަ އެދެން އަޅުގަނޑުމެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދެއްވުމަށް އެދި މިއަދުގެ ވަގުތެއްގައި މަޖިލީސް ރައީސްއަށް ސިޓީ ފޮނުވާނަން"

މަޖިލީހުގެ އާ ގަވާއިދު ބުނާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން 31 މެންބަރުންގެ ސޮޔެ ބޭނުންވެ އެވެ. މެންބަރުންގެ އެހީތެރިކަމަށް ނާޒިލް އެދިވަޑައިގެންނެވި އެވެ. މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މެންބަރުންނެވެ.

ކުއްލި ޖަލްސާގެ އިތުރުން އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަކަށް މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ (241) ގައި އެދެނޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ އަންނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓަށް ކަނޑައަޅާފައިވާ 12.4 ބިލިއަން ދެބައި ކުޅަ އެއްބައި ހަރަދުކުރާނީ އެ މިނިސްޓްރީތައް އަލުން އެޅުމަށް ކަމަށް ލަފާކުރެވޭ ކަމަށެވެ.

ތިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމަށް ދަރުބާރުގެއަށް ބަދަލުކޮށްފައިވާއިރު ނާޒިލް ވިދާޅުވީ މުވައްޒަފުންގެ ކެއުމަށްވެސް ބޮޑު އަދަދެއް ހޭދަކުރާ ކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާކަން ފާހަގަކުރައްވަމުން ނާޒިލް ވިދާޅުވީ ދުވަހުން ދުވަހަށް ކުރާ ހަރުދުތައް މަޖިލީހަށް އެނގެންޖެހޭނެ ކަމަށެވެ. އޭގެ ތަފްސީލް ފެންނަން ހުންނަން ޖެހޭނެ ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.

Ads by Ooredoo