އަލިފާނުގެ ހާދިސާގެ ތަހުގީގުގައި އެހީތެރިވާން އިންޑިއާގެ ޓީމެއް އަތުވެއްޖެ
ސަރުކާރުގެ 3 މިނިސްޓްރީއެއްގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް އެހީތެރިވުމަށް ބޭރުގެ ޓީމެއް ރާއްޖެ އައިސްފި އެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައި އަލިފާން ރޯވީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ފުލުހުން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާ އެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ.
އަދި އެ ތަހުގީގުގައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
"އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މިއޮތް 2، 3 ދުވަހެއްގެ ތެރޭގައި އެ ޓީމު އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާ އެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް އެބަކުރަން،" އޭރު ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ އަލިފާނުގެ އެފަދަ ބޮޑު ހާދިސާއެއް ހިނގި ގޮތް ރައްޔިތުންނަށް އެނގެން ބޭނުންވާތީ ކަމަށެވެ.