ރިޕޯޓް

އަނެއްކާވެސް ފިޔާ އަގުބޮޑުވީ؟ 25 ރުފިޔާއަށް ވުރެ މައްޗަށް ފިޔާ ކިލޯއެއް؟!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކާބޯތަކެތީގެ އަގުތައް އުފުލެމުންދާ މިދަނޑިވަޅުގައި ފިޔާގެ އަގު ވެސް މިވަނީ ބޮޑު ވާން ފަށާފައެވެ. އަވަށްޓެރި އިންޑިއާ އިން ފިޔާ ބޭރުކުރުން ހުއްޓާލިކަމުގެ ވާހަކަތަކާއެކު، ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.

Ads by Sosun Fihaara

ބާޒާރުމަތިން މިއަދު މެންދުރު ކުރިން ފިޔާ ބަސްތާއެއް 500 ރުފިޔާ އަށްވުރެ މަތީން ލިބެން ހުރިއިރު، މެންދުރު ފަހުން ބާޒާރުން ފިޔާ ބަސްތާއެއް ލިބޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތް ކަމަށް ވިޔަފާރިވެރިއަކު "ދެން" އަށް މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ފިޔާ މިހާރު ވެސް ދަނީ ބޯޓުތަކުން ވިޔަފާރިވެރިންގެ ބަނދަރަށް ބާލަމުންނެވެ.

ބައެއް ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ބާޒާރުން ފިޔާ ވަރަށް އަވަހަށް ހުސްވެއެވެ. ފިޔާގެ އަގު މިހާބޮޑަށް އުފުލިފައި މިވަނީ ވެސް ފިޔާ ލިބޭ މިންވަރު މަދުވުމުން ކަމަަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފިޔަޔަކީ އެއާއި ނުލާ ކައްކާ ކާނާ ފުރިހަމަ ނުވާ އެއްޗެކެވެ. ގިނައިން ރާއްޖެއަށް ގެންނަ ފިޔާގެ ސްޓޮކް ކޮންޓްރޯލް ކުރަނީ އިންޑިއާ އިންނެވެ. އެހެންކަމުން އިންޑިއާގެ މާކެޓަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށް ވެސް ކުރެއެވެ. ބައެއްފަހަރު އެޤައުމަށްވުރެ ބޮޑަށް އެކަމުގެ ސަބަބުން ރާއްޖެ ހާލުގައި ޖެހެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ހާމަ ކޮށްފައިވާ ގޮތުގައި އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލި ނަމަވެސް ރާއްޖެއަށް ފިޔާ ލިބޭނެއެވެ. ކަންތައްތައް ހުރީ މިހެން ކަމުގައިވާނަމަ، ފިޔާގެ އަގު މައްޗަށް އެރުން މިވަނީ އަރަތަކަށް ނޫންތޯއެވެ؟

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލާފައިވަނީ އެޤައުމުގެ އަންދްރަ ޕްރަދޭޝް އާއި ކަރްނަޓަކާ އަށް ކުރި ވިއްސާރައިގެ ސަބަބުން ފިޔާ ދަނޑުތައް ހަލާކުވުމުގެ ސަބަބުންނެވެ. ފިޔާ ލިބުން ދަތިވެ، އަގު އުފުލިފައިވަނީ ވެސް މިސަބަބާއި ހެދިކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ފިޔާ އެކްސްޕޯޓު ކުރާ ޤައުމެވެ. ނަމަވެސް އިއްޔެއިން ފެށިގެން ފިޔާ ބޭރުކުރުން އިންޑިއާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!