ޚަބަރު

ޕްލޭނިންގެ އޮޑިޓް ރިޕޯޓު: ޚަރަދުތައް ކުރީ ރަނގަޅަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑާއި ގުޅިގެން ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓްރީން ކުރި ހުރިހާ ޚަރަދުތަކަކީ ވެސް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކުރި ޚަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

Ads by MWSC

އޮޑިޓާ ޖެނެރަލް ގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮވިޑް-19 އާ ގުޅިގެން ހަރަދުކުރުމަށް 38.4 މިލިއަން ރުފިޔާގެ ބަޖެޓެއް އެމިނިސްޓްރީއަށް ކަނޑައަޅާފައި ވެއެވެ.

އެބަޖެޓުން ޚަރަދު ކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮވިޑް ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތްތައް އެމިނިސްޓްރީގެ ފަރާތުން ކޮށްފައިވެއެވެ.

އެގޮތުން ހއ. އިހަވަންދޫ ހޮސްޕިޓަލްގައި ގާއިމްކުރި ފެސިލިޓީގެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 556،736 އެވެ. އަދި 30 ޖޫންގެ ނިޔަލަށް އެތަނަށް ޖުމްލަ 528،899 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އަދި ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރެވުނު ފެސިލިޓީގެ އަގު 12.4 މިލިއަނުގައި އުޅޭއިރު އެތަނަށް ކުރި ޚަރަދުގެ އަގު އުޅެނީ 9 މިލިއަނުގަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރެވުނު ފެސިލިޓީގެ އަގު 13.1 މިލިއަނަށް އަރާފައިވާއިރު އެތަނަށް ކުރި ޚަރަދުގެ އަގަކީ 8.7 މިލިއަނެވެ. އަދި އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކުރެވުނު ފެސިލިޓީއަށް 2.5 މިލިއަން ކަނޑައަޅާފައި ވާއިރު އެތަނަށް ކުރި ޚަރަދުގެ އަގު އުޅެނީ 2.4 މިލިއަނުގައެވެ. އަދި 5.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން ގއ. އަތޮޅު ހޮސްޕިޓަލްގައި ފެސިލިޓީއެއް ގާއިމުކުރިއިރު އެތަނުގެ ޚަރަދަކީ 3.4 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އެ ހަތް ސަރަހައްދެއް ގައި ފެސިލިޓީތައް ހެދުމަށް ޕްލޭނިންގ މިނިސްޓްރީން 36.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެތަން ތަނަށް ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 26.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އެމިނިސްޓްރީން ޚަރަދުކުރުމަށް ކަނޑައެޅި ބަޖެޓުން ބާކީ ހުރީ 11.6 މިލިއަން ރުފިޔާ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!