ޚަބަރު

ބޮކްސާ ތެރޭގައި ފޮރުވައިގެން ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓް، ފޮޓޯ: ދެން އިމޭޖަސް

ބޮކްސާއާއި އިސްޓާކީނު ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ލ. ގަން/ ޗާންދަނީވިލާ، މުހައްމަދު ޝަފުރާނު(21އ.) އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ ވައިގެ މަގުން ރާއްޖެ އައުމުން ބަލާ ފާސްކުރި އިރު އޭނާގެ ދެ އިސްޓާކީނުންވެސް

މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އަދި އޭނާގެ ބޮކްސާގެ ތެރެއިން ވެސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ބުންޏެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ އެތެރެކުރި މަސްތުވާތަކެއްޗަކީ ޓްރެފިކިންގެ މިންގަނޑަށް ފެތޭ އަދި މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެކެވެ.

އެހެންވެ އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށެވެ.

އަދި އޭނާ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ގަރީނާ ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެެ އެވެ.

އެ މައްސަަލައިގައި ޝަފުރާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން މި ވަގުތު ބުނާނެ އެއްޗެއް ނެތް ކަމަށް އޭނާގެ ވަކީލު ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުންޏެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަސް ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލަ ސާބިތުވެއްޖެނަމަ ގިނަ އަހަރުތަކަށް ޖަލަށް ލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

މީގެ ކުރިންވެސް ބޮކްސާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!