މޫކޭ ފުރުން މަނާކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، މަގު ހަދާ ކުންފުނި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔަނާތުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު(މޫކޭ) ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މޫކޭގެ އިތުރުން އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންވެސް ވެސް ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެކަން އެ ދެ މީހުންނަށް އަންގާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބަލަމުން އަންނަނީ އާރުޑީސީގެ ޕޭޔަބަލްސް މެނޭޖަރުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް އެ ކުންފުނިން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތުކޮށްފައިވާ ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އަދި އާރުޑީސީއަށް ލިބޭ ފައިސާ އިސްވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަ އެވެ.
މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ ތިން ތަނަކަށް ވަދެ، ބަލައި ފާސްކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުން މޫކޭ ދިރިއުޅުއްވާ ގަލޮޅުގައި ހުންނަ ގެޔަކާއި ޔާސިރަށް ނިސްބަތްވާ ވިނަރެސް ފްލެޓަކާއި ހުޅުމާލޭގައި ހުންނަ ގެޔެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލައިގައި ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނޭ ކަމަށް ތުހުމަތު ކުރެވިފައިވާއިރު، އެކަމުގައި 3 މީހެއްގެ ބައިވެރިވުން ހިމެނޭކަން ޔަގީން ކުރެވިފައިވާ ކަމަށް މިދިޔަ މާޗު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
އެ ތިން މީހުންގެ އެކައުންޓަށް އާރުޑީސީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު 2 މީހެއްގެ އެކައުންޓަށް، ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ކުންފުނިތަކުގެ ކުރީގެ މެނޭޖްމަންޓުން ހިނގާފައިވާ ކޮރަޕްޝަންތަކާ އަދި އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ހުށަހެޅިފައިވާ މައްސަލައިގެ މައުލޫމާތު ސާފު ކުރުމަށް، ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން މިދިޔަ އޮގަސްޓު މަހު އާރުޑީސީގެ އިސްވެރިންނާ ބައްދަލުކުރި އެވެ.
އެ ބައްދަލުވުމުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ވިދާޅުވީ 2022 ވަަނަ އަހަރު 65 މިލިއަން ރުފިޔާ ފެންނަނީ ހަމައެކަނި ބޭންކް ސްޓޭޓްމަންޓްގައި ޓްރާންސްފާކޮށްފައި ހުރި ތަން އެކަނި ކަމަށެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަން ކޮށްފައި ވަނީ އެއް މިލިއަން ރުފިޔާ އާ ހަަމައަށް އިތުރު މީހެއްގެ ހުއްދައަކާ ނުލައި ކުންފުނީގެ ސީއެފްއޯއަށް ލިބިދީފައިވާ ހުއްދައިގެ ދަށުންނެވެ.
މިދިޔަ އަހަރުގެ ޓްރާންސްސެކްޝަންގެ ގޮތުގައި 95 މިލިއަން ރުފިޔާ ފެންނަން އެބަހުރި ކަމަށް ޑީއެމްޑީ ވިދާޅުވި އެވެ. ފާހަގަކުރެއްވި ގޮތުގައި މުޅި ޖުމްލަކޮށް އެއީ 161 މިލިއަން ރުފިޔާ ކަމުގަ އެެވެ.
އެ ތުހުމަތުތަކާ ގުޅިގެން މޫކޭ އާއި ޔާސިރު މަޖިލިހަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި އެދިފައިވަނީ އޭރު ކުންފުނި ހިންގަން އިސްކޮށް ތިއްބެވި ބޭފުޅުންގެ ހައިސިއްޔަތުން މަޖިލިހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށާއި އޭގެ މައުލޫމާތުތައް ކޮމިޓީއަށް ހިއްސާކޮށްދެއްވުމުގެ ފުރުސަތެއް ދެއްވުމަށެވެ.
އާރުޑީސީގެ މިހާރުގެ މެނޭޖުމަންޓުން ވާހަކަ ދައްކަވާފައި ވަނީ އެއްވެސް އެސެސްމަންޓެއް ނުވަތަ އޮޑިޓެއް ކުރުމެއް ނެތި ކަމަށް މޫކޭ ވިދާޅުވެފައިވެ އެވެ. އެއްވެސް ލިޔެކިޔުމެއް ނެތި ކުންފުނީގެ އެކައުންޓުން ފައިސާ ދޫކޮށްފައިވާ ވާހަކައަކީ އެކަށީގެންވާ ވަރަށް ބެލުމެއް ނެތި އަދި ހާލަތު ދެނަގަތުމެއް ނެތި ދެއްކި ވާހަކައެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލަ އާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ބަލަމުން އަންނަ މައްސަލައިގައި އެ އޮފީހަށް މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ވަދެ، ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ މާޗު މަހުގެ ފަހުކޮޅު ފުލުހަށް ވަނީ ހާޒިރުކޮށްފަ އެވެ. އެފަދަ ކަމެއްގައި އޭނާގެ ބައިވެރިވުމެއް ނޯއްނާނެ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.