ރޮޒައިނާ ޕީޕީއެމަށް: ރިޔާސީ ކެނޑިޑޭޓް އަވަހަށް ބަދަލުކުރޭ

ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ނާކާމިޔާބު ވުމުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ކެނޑިޑޭޓް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވައިލައްވައިފިއެވެ.
ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. ރައީސް ޔާމީން މިހާރު މިނިވަނެއްގެ ގޮތުގައި ހުންނެވި އިރު، އެމަނިކުފާނަށް ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ހުރަހެއް ވެސް ނެތެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕީޕީއެމް މިފަހަރު ބަލިވީ، ފެއިލްވެފައިވާ ބޭފުޅެއް ލީޑަރެއްގެ ގޮތުގައި ހުންނެވުމުން ކަމަށެވެ.
"ނެތް އިތުބާރެއްގައި ރައްޔިތުންނެއް ދެން، ރައީސް ޔާމީނަކަށް ވޯޓެއް ދޭކަށް ނެތް. މިހާރު ވެސް އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން ރައީސް ޔާމީން ނުކުމެވަޑައިގެން އަޅުގަނޑުމެންނާ ޖެހިގެން އޮތް ގައުމަށް، އިންޑިއާ އައުޓް ކިޔައިފައި ނުކުމެ، އެ ހިންގަވާ ކަންތައްތަކާ ހެދި." އޭނާ ވިދާޅުވިއެވެ.ރޮޒައިނާ "އިންޑިއާ އައުޓް" ކެމްޕެއިން ސިފަ ކުރެއްވީ ހަޑި މުޑުދާރު އަަމަލެއްގެ ގޮތުގައެވެ. އަދި ވަކި ގައުމަކާ ޖައްސައިލައިގެން، ރައީސް ޔާމީން އުޅުއްވާ ގޮތަށް އެހެން ވެރިޔަކު ނޫޅުއްވާ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ. އެމްޑީޕީން މިފަހަރު ކޮމަންޑޫ ދާއިރާގެ ގޮނޑި ދިފާއު ކުރީ ހަނި ތަފާތަކުން ކަމުގައިވާއިރު، މިއީ ސަރުކާރުން ފޯރުވި ނުފޫޒުތަކަށް ބަލާއިރު، ސަރުކާރަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށް ޕީޕީއެމް-ޕީއެންސީން ވަނީ ބުނެފައެވެ. އެ ކޯލިޝަނުން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގި ކަންކަން ބަލާނެ މުއައްސަސާއެއް ވެސް ނެތުމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.






ކޮމެންޓް