ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމުން އެންމެ 17 ދުވަހުގެ ޖަލު ހުކުމެއް

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ނ. ހޮޅުދޫ/ ހުދުވެލި، އަހުމަދު ސޫޒަންގެ މައްޗަށެވެ.
މާލެގައި ހުންނަ ޑްރީމް ފްރެޝް މާޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ ދައުވާއެއްް އޭނާގެ މައްޗަށް ކުރި އެވެ.
އެއް ދައުވާއަކީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ. އަދި އަނެއް ދައުވާއަކީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި ސޫޒަން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ އިރު އޭނާގެ މައްޗަށް ދެ ދައުވާވެސް ވަނީ ސާބިތުވެފަ އެވެ.
އޭގެ ތެރެއިން ހުއްދަ ނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި ސޫޒަންގެ މައްޗަށް އައީ ދެ މަހާއި 12 ދުވަހުގެ ޖަލުގެ ހުކުމް އެކެވެ. އެހެން ނަމަވެސް އެ މުއްދަތަށް ވާވަރަށް އޭނަ ބަންދުގައި ހޭދަކޮށްފައިވާތީ އެ ހުކުމް ފުރިހަމަކުރާކަށް ނުޖެހޭނެ އެވެ.
މުދަލަށް ގެއްލުން ދިން މައްސަލައިގައި ސޫޒަންގެ މައްޗަށް އައީ 27 ދުވަހުގެ ޖަލު ހުކުމް އެކެވެ.
ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތާއި އަދި ހުއްދަ ނޫން ތަނަކަށް ވަތް މައްސައިގައި ކުރި ހުކުމުން ޖެހޭ މުއްދަތަށް ކެނޑުމަށް ފަހު ސޫޒަން ޖަލުގައި ހޭދަކުރަން ޖެހޭނީ އެންމެ 17 ދުވަސް ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.