ޚަބަރު އިޖުތިމާޢީ

އެސްޓީއޯއިން މާފަންނުގައި އާ ފާމަސީއެއް ހުޅުވައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އެސްޓީއޯއިން މާފަންނުގައި ހުޅުވި އާ ފާމަސީ / ފޮޓޯ:އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާފަންނުގައި އާ ފާމަސީއެއް އިއްޔެ ހުޅުވައިފި އެވެ.

Ads by MWSC

އެސްޓީއޯއިން ބުނީ އެ ފާމަސީ ހުޅުވީ މަޖީދީ މަގު ވެލިގާ ހާޑްވެއާގެ އަނެއް ކަންމަތީގައި ކަމަށެވެ. ގިނަ ކްލިނިކްތަކެއް ހުރުމާ އެކު އެ ސަރަހައްދުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވީ ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް ކްލިނިކްތަކާ ކައިރިން ފާމަސީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެ ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ފާމަސީއެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހުގެ އިތުރުން ހޮސްޕިޓަލް އަދި ގޭގައި ބޭނުން ކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓާއި ހޯމް ކެއާ އަދި ޕާސަނަލް ކެއާ ރޭންޖްގެ ވަރަށް ގިނަ ތަކެތި ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން މާފަންނުގައި ހުޅުވި އާ ފާމަސީ / ފޮޓޯ:އެސްޓީއޯ

އެސްޓީއޯއިން ބުނީ ފާމަސީގެ ދެ ވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ މެޑިކަލް އިކުއިޕްމެންޓްސް އާއި މެޑިކަލް ކޮންޒިއުމަބަލްސްގެ ތަފާތު ފަހުގެ ޒަމާނީ ފްރޮޑަކްޓްސްތަކަށް ކަމަށެވެ. އެ ފަންގިފިލާގައި ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކައުންޓަރެއް ހުންނާނެކަން ފާހަގަކުރި އެވެ.

ފާމަސީ ހުޅުވާފައި ހުންނާނެ ގަޑިތައް:

  • ހޮނިހިރު - ބުރާސްފަތި: ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް
  • ހުކުރު: މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް

ކަސްޓަމަރުންނަށް ބޭނުންތެރި އަދި މުހިންމު އެތައް ވަސީލަތެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ ސަބަބުން ފާމަސީ ހުޅުވުމާ އެކު ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!