ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމެއް ފަށައިފި
ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމެއް ފަށައިފިއެވެ.
މިރޭ ފެށި މި ޕްރޮގްރާމްގެ މުއްދަތަކީ އެއް ހަފްތާއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދެބުރަކަަށް ބަހާލައިގެންނެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލުގެ މެމްބަރު ޝިފްޒާ މުސްތަފާ ވިދާޅުވީ މިފަދަ ޕްރޮގްރާމަކަށް ބޭނުންވެފައިވާ މިންވަރު ހާމަވެއްޖެ ކަމަށާއި މިއީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
.މި ޕްރޮގްރާމުގައި ކިޔަވައިދެވޭނެ ބައެއް ކަންކަމަށް ބަލާލާއިރު ޚަބަރަކީ ކޮބައިކަމާއި ޚަބަރު ލިޔާނެ ގޮތާއި ސުރުހީ ޖެހުމުގައި ސަމާލުވާންވީ ކަންކަން ކިޔަވައިދޭނެއެވެ. އަދި މީޑިއާ އިން ސަމާލުވާންޖެހޭ ސުލޫކީ މިންގަނޑާއި މީޑިއާ އާ ގުޅުންހުރި ޤާނޫނާއި ޤަވާޢިދުތައްވެސް ކިޔަވައިދޭނެއެވެ.
އަދި ހަމައެހެންމެ ނޫސްތަކުގައި ޢާންމުކޮށް ލިޔާ ކުށްތަކާއި އޭގެ އިސްލާހާއި ނޫސްވެރިކަމުގެ ތަޖުރިބާ އާއި ހުރި ގޮންޖެހުންތައްވެސް ކިޔަވައިދޭނެ ކަމަށެވެ.
އިންސާނީ ޙައްޤުތަކާ ގުޅުންހުރި ޚަބަރުތައް ކަވަރު ކުރާ އިރު، ވިސްނަންވާ ކަންކަން ވެސް މި ޕްރޮގްރާމުގައި ކިޔަވައިދޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.