ޚަބަރު ވިޔަފާރި

އަހަރުގެ ފުރަތަމަ ދުވަހު 79 ދޯންޏަކުން 311 މެޓްރިކް ޓަނުގެ މަސް ކިރުވައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މިފްކޯގެ ބޯޓަކަށް މަސް ކިރުވަނީ / ފޮޓޯ:މިފްކޯ

މި އަހަރުގެ ފުރަތަމަ ދުވަހުގައި 79 ދޯންޏަކުން 311 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

Ads by STELCO

މިފްކޯއިން ވަނީ ކޮންމެ ދުވަހަކު ވެސް އެ ކުންފުނީގެ ފެސިލިޓީތަކަށާއި ބޯޓުތަކަށް މަސްކިރުވާ އަދަދާއި ކިރުވި ދޯނިތަކުގެ އަދަދާއި ސަރަހައްދުތައް އަންގައިދޭ ތަފާސް ހިސާބުތަކެއް އާންމުކުރަން ފަށާފަ އެވެ.

މިފްކޯއިން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓުގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން މަސް ކިރުވާފައިވަނީ ހުވަދު އަތޮޅުންނެވެ.

ހުވަދު އަތޮޅު ދެކުނުބުރީގެ 22 ދޯންޏަކުން 92.6 މެޓްރިކް ޓަނުގެ މަސް މިފްކޯގެ ބޯޓުތަކަށް ކިރުވާފައިވާއިރު، ހުވަދު އަތޮޅު އުތުރުބުރީގެ 20 ދޯންޏަކުން 80.7 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ޅ. އަތޮޅުގައި ވެސް މަސްވެރިކަން މި ދުވަސްވަރު ރަނގަޅެވެ. އެގޮތުން 15 ދޯންޏަކުން 58.1 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ. ދޯނިތަކުން މަސްކިރުވީ އެ އަތޮޅު ފެލިވަރުގެ ބަނދަރުގައި އޮތް 3 ބޯޓަކަށެވެ.

ދ. އަތޮޅުގެ 4 ދޯންޏަކުން 43.4 މެޓްރިކް ޓަނުގެ މަސް ކިރުވިއިރު، ފުވައްމުލަކުގެ 14 ދޯންޏަކުން 26.8 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެ އެވެ.

އަހަރުގެ ފުރަތަމަ ދުވަހު މިފްކޯގެ މަސް ބޯޓުތަކަށް ފިޔަވައި އެންމެ ގިނައިން މަސްކިރުވާފައިވަނީ ކޫއްޑޫއަށެވެ. އެ ރަށުގައި ހުންނަ ފެސިލިޓީއަށް 80.72 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފަ އެވެ. އަދި ބޯޓުތަކަށް 221.13 މެޓްރިކް ޓަނު ކިރުވާފައިވެ އެވެ. އައްޑޫގަައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް 9.04 މެޓްރިކް ޓަނުގެ މަސް ކިރުވި އެވެ.

މަސްވެރިކަން ދަށްވެފައި އޮތުމަށް މިފަހުން އަންނަނީ މަސްވެރިކަން ރަނގަޅުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!