ޔައުގޫބުގެ މެންބަރުކަމުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލު މެމްބަރު ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރެއްވުމުން، އޭނާގެ މަޖިލީހުގެ ގޮނޑި ގެއްލޭ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މިހިނގާ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އައިސީއޭއެމް އަށް މެންބަރުން އައްޔަން ކުރިއިރު މެންބަރު ޔައުގޫބު ވެސް ވަނީ އެކައުންސިލަށް އައްޔަން ކޮށްފައެވެ. އެއާއެކު ޔައުގޫބުގެ މަޖިލިސް ގޮނޑިއާއިމެދު ސުވާލު އުފެދިފައި ވަނިކޮށް، އޭނާ ވަނީ އެކައުންސިލުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
މިކަމާ ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހުށަހަޅަން ނިންމެވީ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާތީ ކަމަށާއި އަންނަ ހަފުތާގައި އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ވަނީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައްލަވަން ޖެހޭނެ ކަމަށާއި މަޖިލީހުން ފިޔަވަޅެއް ނާޅާނަމަ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެއެވެ.