ފަޒީލްގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެޗްރިކަލްޗަރ ގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅޭ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.
އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ ފުލުހުންގެ ޖެންޑާ އެންޑް ފެމެލީ ޑިޕާޓްމެންޓުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް، ފުލުހުން ބުނެފައިވާ ކަމަށެވެ.
ފަޒީލްގެ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހިންގަވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީ ގައި މަސައްކަތް ކުރައްވަމުންދާ ފަޒީލް މިހާރު ހުރީ އެމަގާމުން ސަސްޕެންޑު ކޮށްފައެވެ. ފަޒީލް ގެ މައްސަލަ ބަލަން އެމްއާރްއެމް އިންވެސް ވަނީ ފުލުހުންނާ ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހަޅުއްވާފައެވެ.
ފަޒީލްއަށް ކުރެވިފައިވާ ބޮޑެތި ތުހުމަތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ ބޭންދި މައްސަލައެއް ހިމެނޭއިރު އަންހެން ކުދިންނަށް "އޮޅިގެން" ކަމަށް ބުނެ ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ވެސް ހިމެނެއެވެ. ނަމަވެސް ފަޒީލު ވަނީ އެތުހުމަތު ތަކަށް އިންކާރު ކޮށްފައެވެ.