އުރީދޫ ކަލަންޑަރު: ފުލޯކު ވާހަކަތަކުގެ ކެރެކްޓާތަކާ ޗެޓްކޮށްލެވޭ

ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ފުލޯކު ވާހަކަތައް ހިމަނައިގެން އުރީދޫ މޯލްޑިވްސްއިން 2025 ވަނަ އަހަރުގެ ކަލަންޑަރު ރޭ އިފުތިތާހުކޮށްފި އެވެ.
ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓާތައް ޓެކްނޮލޮޖީގެ ޒަރީއާއިން އާންމުންނާ ހަމައަށް ގެނެސްދޭ މި ކަލަންޑަރުން އިފުތިތާހުކޮށްދެއްވީ އުރީދޫ ހެޑްކުއާޓަރުގައި ރޭ ބޭއްވި ހަފުލާއެއްގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާނެވެ.
މިއީ ރާއްޖޭގެ ފުރަތަމަ އެންއެފްސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ. ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާތައް މި ކަލަންޑަރުގައި ހިމެނެ އެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުހިންމު ބައެކެވެ.

އުރީދޫ މޯލްޑިވްސްގެ އާ އަހަރުގެ ކަލަންޑަރު: ފުލޯކު ވާހަކަތަކުގައި އުޅޭ 12 ކެރެކްޓާ ހިމެނޭ / ފޮޓޯ:އުރީދޫ
އުރީދޫން ބުނީ މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަ ދައްކާލެވޭނެ އެވެ. ކޮންމެ މަހަކު ވެސް ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވާނެ އެވެ.
ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބުދީ، އެ މީހުންގެ ދުނިޔެ އާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެކުރިން ހީނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ކަލަންޑަރު އިފުތިތާހުކުރަން ބޭއްވި ހަފުލާގައި ހޯމްލޭންޑް މިނިސްޓަރު އިހްސާން ވާހަކަ ދައްކަވަނީ / ފޮޓޯ:އުރީދޫ
ކަލަންޑަރު އިފުތިތާހުކުރަން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ އުރީދޫން ތައާރަފުކުރި މި ކަލަންޑަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ތާރީހުގެ ތެރެއިން ކާބަފައިން ކިޔައިދީފައިވާ ފުލޯކު ވާހަކަތަކަށް އާ ދިރުމެއް ލިބިގެންދިޔަ އީޖާދީ މަސައްކަތެއް ކަމަށެވެ. އޭއައި އާއެކު މި ވާހަކަތަކުގައި ހިމެނޭ ކެރެކްޓާތަކާ ސީދާ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.
"މިފަދަ އީޖާދީ މަސައްކަތްތަކުން އަޅުގަނޑުމެންގެ ސަގާފަތް ދިރުވައި، ޒުވާނުންގެ ޝައުގުވެރިކަން އިތުރުވެ، ބައިނަލްއަގުވާމީ މައިދާނުގައި ވެސް ދިވެހި ސަގާފަތް އިތުރު ހަރުފަތަކަށް އެބަގެންދެވޭ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މިފަދަ އުފެއްދުންތެރި މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އުރީދޫން ކުރާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި ކަލަންޑަރުން ރަމްޒުކޮށްދެނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށެވެ.
"ފޯކްލޯގެ ނޮސްޓެލްޖިއާ ޑިޖިޓަލް އިންޓައެކްޓިވިޓީ އާއި އެއްކޮށްލައިގެން، އަޅުގަނޑުމެންގެ މުއްސަނދި ވާހަކަތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ވާހަކަތައް ދެމިއޮންނާނެކަން މި އަހަރުގެ އުރީދޫ ކަލަންޑަރުން ކަށަވަރު ވެގެންދާނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫގެ ކަލަންޑަރު އިފުތިތާހުކުރަން ބޭއްވި ހަފުލާގައި ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒް ވާހަކަ ދައްކަވަނީ / ފޮޓޯ:އުރީދޫ
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމުގައި އުރީދޫން ފާހަގަކުރެ އެވެ.