އިމިގްރޭޝަނުން ކުރިން ބެލި ތަންތަން އަނެއްކާ ވެސް ބަލަން ފަށައިފި
މިދިޔަ އަހަރު އިމިގްރޭޝަންއިން ބަލައި ފާސްކުރި, ބިދޭސީން ދިރިއުޅޭ ތަންތަން އަނެއްކާވެސް ބަލަން ފަށައިފި އެވެ.
އިމިގްރޭޝަން އިން ބުނީ މިއީ މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ފެށި ހާއްސަ އޮޕަރޭޝަންއެއް ކަމަށެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.
އިމިގްރޭޝަންއިން މިހާރު ދަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވެސް ނަގަމުންނެވެ.