ޚަބަރު

ދީނުގެ އަސާސްތަކުގެ މަތީގައި ބިނާވެފައިވާ ރާއްޖެ-ސައުދީ ގުޅުން އިތުރަށް ބަދަހިކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސައުދީގެ ފޮރިން މިނިސްޓަރާއެކު މިނިސްޓާރު ހަލީލް--

އިސްލާމީ ބޮޑު އެއް ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާއާއެކު، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ހިންގާ މި ރާއްޖޭން އިތުރަށް ގުޅުން ބަދަހިކުރަން މިއަދު މަޝްވަރާކޮށްފި އެވެ.

Ads by STELCO

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދުއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ނެވެ.

ސަޢޫދީގެ ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ އެ ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި އެ ގުޅުން ދަމަހައްޓައި އިތުރަށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އަދި އަދި ދެ ގައުމަށް ވެސް މުހިއްމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ބައިނަލްއަގުވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމަށް ވެސް ދެ މިނިސްޓަރުން މަޝްވަރާކުރެއްވި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖޭއަށް ދެމުންގެންދާ އަހައްމިއްޔަތުކަމާއި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި އެ ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ބައްދަލު ކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި،  ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ  ސަފީރު އަހުމަދު ސަރީރާއި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާއާއި ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލަރ އަހުމަދު ފަޒީލް ވެސް  ބައިވެރިވެވަޑައިގެންނެވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!