ދެ ގެއެއް ފާސްކޮށް ކިލޯއެއްގެ ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ވެރިކަން ކުރާ މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ޖޫތީގެ. ހަސަން ނަޒީހް (32އ) އެވެ.
އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ނަޒީހް ހައްޔަރުކޮށް، އޭނާ އާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމުގަ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަން އެއް ކިލޯއަށް ވުރެ ގިނަ ކަމުގަ އެވެ.
މި މައްސަލަ އާ ގުޅިގެން ނަޒީހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.