ޓޫރިޒަމް މިނިސްޓްރީއަށް ޕީއެސްއަކު ހޯދަން އިއުލާންކޮށްފި
ދެ ޕާމަނަންޓް ސެކެޓްރީ(ޕީއެސް) އިން މަގާމުން ވަކިކުރުމަށް ފަހު ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ އަށް ޕީއެސްއެއް ހޯދަން ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމަށް ފަހު ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ފާތިމަތު ޝައުފާއާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް ހުންނެވި އަޖުވަދު މުސްތަފާ ވަކިކުރީ މިއަދު އެވެ.
ނަމަވެސް މިއަދު ތިނެއް ޖެހިތަނާ ސީއެސްސީން ވަނީ އެއްކޮށްލި މިނިސްޓްރީއަށް ޕީއެސްްއެއް ހޯދަން އިއުލާންކޮށްފަ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ބެޗެލާޒް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ސަރުކާރު ނޫނީ ޕްރައިވެޓްތަނެއް ހިންގުމުގެ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އެ މަގާމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 35000 ރުފިޔާ ލިބެ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުުރުސަތު މި މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޕީއެސްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިމްތިހާނާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ މި މަހުގެ 13އިން އަންނަ މަހުގެ 13އާ ހަމައަށެވެ.
ސީއެސްސީން ބުނީ މިއަދު ވަކިކުރި ދެ ޕީއެސްއިންއަށް ވެސް ޓޫރިޒަމްގެ ޕީއެސްގެ މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ.