މާލޭގެ 46،000 އެއްހާ ގެއަށް ކަދުރު ބެހި
ރޯދަ މަހަށް ދިވެހި ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން 45،000 އަށް ވުރެ ގިނަ ގޭބިސީތަކަށް ކަދުުރު ބެހި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި އިއްޔެ ވަނީ މާލޭ ސަރަހައްދަށް ބަހަން އޮތް މިންވަރަކަށް ކަދުރު ބަހާ ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލޭ ސަރަހައްދުގެ 46،251 ގޭބިސީއަކަށް 11،375 ކަދުރު ޕެކެޓް ބެހި ކަމަށެވެ.
އޭގެ އިތުރުން 56،461 ގޭބިސީއަށްވާ 10،788 ޕެކެޓު ކައުންސިލްތަކަށް ދޫކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެއާއެކު މިހާތަނަށް 22،163 ކަދުރު ޕެކެެޓް ދޫކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން މިހާ ތަފުސީލުކޮށް ތަފާސްހިސާބުތައް އާންމުކޮށްފައި މި ވަނީ ރޯދަ އައުމުގެ މާ ކުރިއަށް މި ފަހަރު މާލެއަށްވާ ކަދުރުތައް ބަހައި ނިމުމުން، ގިނަ ގެތަކަށް ކަދުރު ލިބުނު ކަމާ މެދު ސުވާލު އުފައްދައި ބައެއް މީހުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައި ވަނިކޮށެވެ.
ސައުދީ އަރަބިއްޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ. އެހެން ނަމަވެސް ރޯދަ މަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ މަސައްކަތް މި ފަހަރު ކުރިއަށް ދިޔައީ އަހަރުތަކަކަށް ފަހު އެވެ.