ޚަބަރު

ފާޑުކިއުން އަމާޒުވި "މައިންޑްފުލް ރަމަޝާން" ދިވެހިކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

އިސްލާމިކް މިނިސްޓްރީން ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ހިންގާ ހަރާކަތެއްގެ ތެރެއިން މި އަހަރުގެ ރޯދައަށް ބާއްވާ ހަރަކާތުގެ ޕޯސްޓަރުގައި އިނގިރޭސި ބަހެއް ތާނައަކުރުން ލިޔެފައި އޮތުމުން ފާޑުކިޔުން އަމާޒުވުމުން އެ ނަން ދިވެހިކޮށްފި އެވެ.

Ads by STELCO

އިއްޔެގެ ތާރީހު ޖަހާފައި ހަރުކޮށްފައިވާ ޕޯސްޓަރުގައި އިނގިރޭސި ބަހުންނާއި ތާނަ އަކުރުން ލިޔެފައި އޮތީ "މައިންޑުފުލް ރަމަޝާން" އެވެ. އެ ޕޯސްޓަރުގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ހުޅުވުނީ ބޮޑު ބަހުސް އެކެވެ.

ސަރުކާރުގެ އިދާރާއަކުން ދިވެހި ބަހަށް އިސްކަން ނުދޭ ކަމަށް އެއް ބަޔަކު ބުނަމުން ދިޔައިރު އަނެއް ބަޔަކު ސުވާލު އުފެއްދީ އެ ބަހަަށް ކިޔާނެ ދިވެހި ބަހެއް ނެތީތޯ އެވެ. ފާޑުކިޔުންތަކަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ރައްދު ދެއްވުމުން އެކަން އެއަށްވުރެ ބޮޑަށް ގޯސްވި އެވެ.

"ޒުވާން ކުދިންތަކަކަށް ކުރެވޭ ކަމަކަށް އިސްތިއުމާރުވެފަ ތިބި ބައެއްގެ ގޮތުގައި ސިފަކޮށް ރައްދުދީ ހެދުން އެހާ ބަލައި ނުގަނެވޭ" ޝަހީމް ވިދާޅުވެފައިވެ އެވެ.

އެކަމަކު ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މައިންޑްފުލް ރަމަޝާންގެ ނަމުގައި 3 އަހަރުގެ ކުރިން ފެށިގެން ރޯދަމަހާ ދިމާކޮށް، މިނިސްޓްރީގެ ދައުވާ ސެކްޝަނުން ޒުވާނުންނަށް ހިނގަމުން އައި ޕްރޮގްރާމް ''(ރޯދަ މަހަށް ފަރުވާތެރިވުން)'' ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެ ނަމާ މެދު ނުފެންނަ ނުތަނަވަސްކަން މިހާރު ފެނުނީ، މިހާރު ގައުމީ ރޫހޫ އާލާވެފައިވާ މިންވަރު ބޮޑުކަމުން ކަމަށް ބެލެވޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.