މޯދީ އޭއައި ސަމިޓްގައި ވިޔަފާރީ ގުޅުންތަކާ ގުޅޭ ބޮޑެތި މަޝްވަރާތަކެއް ކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފްރާންސްގެ ވެރިރަށް ޕެރިސްގައި ބޭއްވި "އޭއައި ފޯ ޓްރަސްޓް އެންޑް ސެކިއުރިޓީ" ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ވިޔަފާރި ގުޅުންތަކާ ގުޅޭ ގޮތުން ބޮޑެތި މަޝްވަރާތަކެއް ކޮށްފި އެވެ.
މި ސަމިޓަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
ދެ ގައުމުގެ ދެމެދު ވެފައިވާ ވިޔަފާރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ޑިފެންސް، ސައިންސް އެންޑް ޓެކްނޮލޮޖީ، އަދި ރިނިއުބަލް އެނާޖީ ފަދަ ދާއިރާތަކެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސޯދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
މޯދީ ޒިޔާރަތްކުރެއްވި ތާރީހީ ތަންތަނުގެ ތެރޭގައި އާކް ޑި ޓްރައޮމްފް އަދި ނެޕޯލިއަންގެ މަގްބަރާ ހިމެނެ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށްވެ އެވެ.
މީގެ އިތުރުން ޕެރިހުގައި އޮތް މި ސަމިޓްގައި ބައިވެރިވަޑައިގަންނަވާ ބޮޑުވަޒީރު ވަނީ އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޮންއާ ބައްދަލުކުރައްވާ، އެމަނިކުފާނުއާއެކު އެގައުމުގެ މާސޭ ސިޓީއަށްވެސް މޯދީ ވަނީ ޒިޔާރަތްކުރައްވާފަ އެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ އިންޑިއާ އާއި ފްރާންސްގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމަށް ސިޔާސީ ތަހްލީލްކުރާ ފަރާތްތަކުން ދެކެއެވެ.
ބައިނަލްއަގުވާމީ ލީޑަރުންގެ ހައި ޕްރޮފައިލް އެއްވުމަކަށް ބޭއްވި މި ސަމިޓުގައި އީޔޫ ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން އާއި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ ބައިވެރިވެޑައިގަންނަވާފަ އެވެ.