ޚަބަރު

ނާޒިމު ވިދާޅުވަނީ ކައުންސިލްތަކުން ބްލޮކްގްރާންޓް ރަނގަޅަށް ބޭނުންނުކުރާ ކަމަށް

. ، ދެން އޮންލައިން
މަޖިލިހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ނާޒިމް ބައިވެރިވެ ވަޑައިގަންނަވަނީ / ފޮޓޯ:މަޖިލިސް

ރަށްރަށުގެ ކައުންސިލުންތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާގެ ތެރެއިން 3 ބިލިއަނެއްހާ ރުފިޔާ ބޭނުންނުކޮށް އެ ކައުންސިލުތަކުގެ އެކައުންޓުގައި އެ ފައިސާ "ގަނޑުވެފައި" ހުރި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by STELCO

ނާޒިމް އެ ކަންބޮޑުވުން ހިއްސާކުރީ އެލްޖީއޭއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.

ދާދި ފަހުން އައްޑޫ ކައުންސިލުން އެ ސިޓީ ޕްރޮމޯޓްކުރަން ޔޫކޭގެ ވެރިރަށް ލަންޑަނަށް ކުރި ދަތުރުގައި 7 ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެ ވާހަކަ މިއަދުވެސް ތަކުރާރުކުރައްވަމުން އެ ކޮމިޓީގައި އިންނަވާ ނާޒިމް ވިދާޅުވީ 7 ރަށެއް ޕްރޮމޯޓްކުރަން ކައުންސިލުތަކުން 2.3 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"ކައުންސިލުތަކުން ސީދާ އެ ރަށެއް ޕްރޮމޯޓްކުރަން ހުރިހާ ކައުންސިލަރުން ދިޔުން [ބޭރު ގައުމުތަކަށް] ދިޔުން މިއީ ބޮޑު ވޭސްޓެއް" އެ އަށް ފަހު ނާޒިމް ވިދާޅުވި ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާ ބޭކަރު ގޮތުގައި ހަރަދުކުރުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތް ކަމަށެވެ.

މިދިޔަ އަހަރު ސަރުކާރުން ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދޫކޮރި އެވެ. އޭގެ ކުރިން ދޫކޮށްފައިވާ ފައިސާވެސް ހަރަދުކުރާނެ ގޮތް ފަހިވެފައި ނެތުމުން ނުވަތަ ކައުންސިލުތަކުގެ ގާބިލުކަމެއް ނެތުމުން އެ ފައިސާތައް އެކައުންޓުގައި ހުރި ކަމަށް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 3 ބިލިއަނެއްހާ އަދަދުތަކެއް ކައުންސިލުތަކުގެ އެކައުންޓުގައި ގަނޑުވެފައި އެބަހުރި، އެ ފައިސާއަށް ސަރުކާރަށް އެކްސެސް އެއް ނެތް، އެ ފައިސާ ކައުންސިލުތަކަށް ހަރަދެއް ނުކުރެވޭ" ކަންބޮޑުވުން ފާޅުކުރަމުން އެކަން ހައްލުކުރަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދީފަ އެވެ.

އެގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ފަޅުރަށްތަކެއް ކައުންސިލަށް ދީފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ފަޅުރަށްތަކަށް އެދެން ޕްރޮޕޯސަލް ހުށަހަޅަންވެސް ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ.