ޚަބަރު

ފަނޑިޔާރުންގެ ސަސްޕެންޝަން ނޯޓިސްގައި މުއްދަތެއް ނެތް، ތަފްސީލެއް ނެތް!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ސަސްޕެންޝަން ނޯޓިސް ފޮނުވީ މުއްދަތެއް ނެތް ގޮތަށް އަދި އެ ނޯޓިސްގައި ބަލަމުންދާ މައްސަލައެއް ފަނޑިޔާރަށް ވެސް ބުނެދީފައި ނުވާ ކަން އެނގިއްޖެ އެވެ.

ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ފަށަން އެ އަޑުއެހުމަށް ކުޑަތަންވެފައި ވަނިކޮށް ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އެ ކޮމިޝަނުން ފަނޑިޔާރުންނަށް ފޮނުވި ނޯޓިސްގެ ކޮޕީއެއް "ދެން" އަށް ވަނީ ލިބިފަ އެވެ. އެ ނޯޓިސްގައި ހިމެނޭ ޖުމުލަތަކުގެ އިބާރާތަކީ ހަމަ އެ ކޮމިޝަނުން މިއަދު އާންމުކުރި ބަޔާނުގެ ނަކަލެކޭ ބުނެވިދާނެ އެވެ. އޭގެ އިތުރަށް އެއްވެސް ކަމެއް އެ ނޯޓިސްގައި ބަޔާންކޮށްފައެއް ނުވެ އެވެ.

އެންމެ ކުޑަމިނުން ފަނޑިޔާރުން ސަސްޕެންޝަނުގައި ތިބެން ޖެހޭނެ ވަކި މުއްދަތެއް ވެސް އެ ނޯޓިސްއަކުން ނޭނގެ އެވެ. ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނުވަތަ ނުލިބޭ ގޮތަށް ކަމެއް ވެސް ނޯޓިސްގައި ބުނެފައެއް ނެތެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި ސަސްޕެންޑްކުރީ ތިން ފަނޑިޔާރުންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިންގަމުންދާތީ އެވެ. އެ ކޮމިޝަނުން ވެސް ބަޔާނެއް ނެރެފައިވާ ހަމައެކަނި ބުނި ވާހަކައަކީ ކޮމިޝަނުން އެ މައްސަލަތައް ބަލަނީ ނުފޫޒެއް ނެތި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އަލީ ހުސައިނާއި އޭނާގެ ވަކީލުން ވަނީ އެ ކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވީ ޖޭއެސްސީން ބަލަމުން ދަނީ ފަނޑިޔާރުންގެ މައްޗަށް މައްސަލައެއް އުފަން ކޮށްގެން ކަމަށާއި ސަސްޕެންޑްކުރީ ވެސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ކަމަށެވެ.