މުހިއްމު ބައެއް މަޝްރުއޫ ބިޑަކާނުލާ ހަވާލުކުރެވޭ ގޮތަށް އެ ބާރު ކެބިނެޓަށް ދީފި

ބީލަމަށް ނުލައި އަސާސީ ބޭނުންތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ނުވަތަ ވާދަވެރިކަމަށް ހުޅުވައިނުލައ،ި ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ހިދުމަތް ހޯދައި ނުވަތަ މަސައްކަތެއް ކުރުމުގެ ބާރު ކެބިނެޓަށް ލބޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސް މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓްގައި ޝާއިއުކުރި އާ އުސޫލުގައިވާ ގޮތުން ވަކި ކަންތައްތަކެއްގައި ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިއަށް ގެންދެވިދާނެ އެވެ.
އެ އުސޫލުގެ ތެރެއިން މަޝްރޫއުތައް ދިނުމުގެ ބާރު ދީފައިވަނީ ކެބިނެޓަށާއި ނޫނީ ކެބިނެޓުން ކަނޑައަޅާ ކޮމިޓީއަށެވެ.
މުހިންމު މަޝްރޫއުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
- އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅޭ ކަންކަން
- ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ މަޝްރޫއުތައް
- ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް
މި ބަދަލު ގެނައުމުގެ ކުރިން 2023 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ދިޔަ މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތުން "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލަށް އަމަލުކުރާނީ ވާދަވެރި ބީލަމަކަށް ވަގުތު ނެތް ހާލަތްތަކުގަ އެވެ. އަދި އަގުގެ ގޮތުން ވާދަވެރި މާހައުލެއްގައި ބީލަމަކަށް ތަރުހީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ވެސް އެ އުސޫލަށް އަމަލުކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.