ސަސްޕެންޑް ކުރި 3 ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ވަކިން ބަލަނީ

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން މިއަދު އެކަހެރި ކުރި 3 ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) ބަލަން ފަށައިފިކަން އެނގިއްޖެ އެވެ.
ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ފަށަން އެ އަޑުއެހުމަށް ކުޑަތަންވެފައި ވަނިކޮށް ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި އެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަން އަންގައި އެ ކޮމިޝަނުން އެ 3 ފަނޑިޔާރުންނަށް ފޮނުވި ނޯޓިސްގެ ކޮޕީއެއް "ދެން" އަށް ވަނީ ލިބިފަ އެވެ.
ޖޭއެސްސީން ބަލަނީ ފަނޑިޔާރު ސުއޫދު، ހައިކޯޓުގެ ކުރީގެ އެސިސްޓެންޓު ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ހުތުރުކޮށް ވާހަކަ ދައްކާފައިވާ މައްސަލަ އެވެ.
ސުޕްރީމް ކޯޓުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިވަނިކޮށް އެއާ ހިލާފަށް އެ ކޯޓުން ހައިކޯޓުގެ މުވައްޒަފަކު ހާޒިރުކޮށްގެން ހިންގިކަމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ސުއޫދު އަށް ފޮނުވި ނޯޓިސްގައިވެ އެވެ.
''ހައިކޯޓުގެ މުވައްޒަފަކު ހާޒިރުކޮށްގެން ހިންގިކަމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ، މިކަމާ ގުޅޭ މައުލޫމާތު ސާފުކޮށް، މި މައްސަލައާ ގުޅިގެން ފަނޑިޔާރު ސުއޫދުގެ ސުލޫކީ މައްސަލަ އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން މި ކޮމިޝަނުން ނިންމާފައިވާކަމުގައި ދަންނަވަމެވެ" ޖޭއެސްސީގެ ސެކްރެޓަރީ ޖެނެެރަލް އާމިނަދު ނަދާ ސޮއިކޮށް ފޮނުވި ނޯޓިސްގައި ބުންޏެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލަ
އެ ދެ ފަނޑިޔާރުން ތުހުމަތުކުރަނީ އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމް ހޮސްޕިޓަލުގެ ޑރ. އިސްމާއިލް ލަތީފް/ގއ. ދާންދޫ، އަސަރީގެ،މަސާޖު ޕާލާއަކުން ހައްޔަރުކުރި މައްސަލާގައި ނުފޫޒު ފޯރުވުމެވެ.
ޖޭއެސްސީން ފޮނުވި ނޯޓިސް ގައި ބުނީ ޑިސެމްބަރު 4، 2024 ގައި ލަތީފުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލާގައި ފަނޑިޔާރު މަހާޒު އާއި ފަނޑިޔާރު އަޒްމިރަލްދާ ކްރިމިނަލް ކޯޓަށް ގުޅައި މައްސަލަ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ހުށައެޅި ސިޓީއެއް އެ ކޮމިޝަން ލިބިފައިވާ ކަމަށެވެ.
"ސިޓީއާ ގުޅިގެން މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް މި ކޮމިޝަނުން ނިންމާފައިވާ ކަމުގައި ދަންނަވަމެވެ'' ޖޭއެސްސީގެ ނޯޓިސްގައި ބުންޏެވެ.
އަޒްމިރަލްދާގެ ފިރިކަލުން މަސާޖު ޕާލާއަކުން ހައްޔަރުކުރި މައްސަލަ ދައުވާކުރުމާ މެދު ގޮތެއް ނުނިންމައި ބޭއްވުމަށް ފަހު ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ.
އެނގިފައިވާ ގޮތުން އެ މައްސަލަ ފައިލްކޮށްފައިވަނީ މި ހަފްތާގެ ހޯމަދުވަހު އެވެ.