ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ އޮންލައިން ޕޯޓަލް، ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެކަން އިފްތިތާހުކޮށްދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ވާރުޕޭ މެދުވެރިކޮށް ހުޅުވާލި ފުރުސަތުގެ ތެރެއިން ގިނައިން ހެޔޮ ކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ފަސޭހައިން ދެން ލިިބިގެންދާނެ ކަމަށެވެ.
ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތައާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ގުރުއާން މަރުކަޒުތައް ގާއިމްކުރުމާއި ހެޔޮ އެކި ކަންކަމަށް ހައިރާތުގެ ގޮތުގައި ސަދަގާތް ކުރުމުގެ ފުރުސަތު ހިމެނެ އެވެ.
ވާރުޕޭ މެދުވެރިކޮށް އަލަށް ހުޅުވާލި ފުުރުސަތުތައް އިފްތިތާހުކޮށް ދެއްވުމަށް ފަހު މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ގުރުއާން ކުލާސްތަކާއި ލައިބްރަރީތައް ގާއިމު ކުރުން ފަދަ ކަންކަން މިހާރު ވަރަށް މުހިންމު ކަމަށެވެ.
އަދި އަދި ރާއްޖޭން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ އެތެރޭގައި ހުރި އެކި ހެޔޮ ކަންކަމަށްވެސް ހޭދަކުރުމަކީ މުހިއްމުކަން ޝަހީމް ފާހަގަ ކުރެއްވި އެވެ.
ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުގުވެރިކަން ހުރި ބައެއްކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ.






ކޮމެންޓް