ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުން 466 އުޅަނދު ނަގައި، ޓްރެފިކް ފްލޯއަށް ބަދަލުގެންނަނީ

މި ރޯދަ މަހު މާލެ ސަރަހައްދުގެ މަގުތަކުގައި ބާރުބޮޑުވާ ގަޑިތަކުގައި ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމާ އެކު، ފާހަގަކުރެވިފައިވާ ހާއްސަ ސަރަހައްދުތަކަށް ސަމާލުކަންދީގެން އިތުރަށް ބެލެހެއްޓުމަށް ފުލުހުން ނިންމައިފި އެވެ.
ރޯދައަށް ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުން ތައްޔާރުވެފައިވާ ގޮތާ އަދި އާންމުން މަގުމަތި ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް ތޮލްހަތު އަހްމަދު ވިދާޅުވީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުން ޖާގަ ހުސްކުރުމަށް، ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމާއި ޓްރެފިކް ނިޝާންތައް ނެތް މަގުތަކުގައި ނިޝާންތައް ކުރެހުމުގެ މަސައްކަތް ކޮށްފައިވާ ކަަމަށެވެ. ޕާކު ކުރާނެ ޖާގަ ހުސްކުރުމަށް ބާޒާރުމަތިންނާއި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުންނާ އަދި ބޮޑެތި މަގުތަކުން މިހާތަނަށް ދެ ފުރޮޅުލީ 433 އުޅަނދާއި ހަތަރު ފުރޮޅުލީ 33 އުޅަނދު ނަގާފައިވާ ކަަމަށެވެ.
ރޯދަ މަހަށް ހާއްސަކޮށް މައިގަނޑު ފަސް ދާއިރާއަކަށް ބަލައި ޓްރެފިކް މެނޭޖްމަންޓުން ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ތޮލްހަތު ވިދާޅުވި އެވެ. އެއީ ބާޒާރުމަތީ ޓްރެފިކް، މިސްކިތްތަކުގެ ޓްރެފިކް، ބޮޑެތި މަގުތަކުގެ ޓްރެފިކް، ބްރިޖް އެންޑް ހައިވޭގެ ޓްރެފިކްގެ އިތުރުން ޓްރެފިކް އާ ގުޅިގެން ކުރިއަށް ގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެވެ.
ބާޒާރުމަތީ ޓްރެފިކް
އޭނާ ވިދާޅުވި ގޮތުގައި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހާއްސަ ޓީމަކުން ބާޒާރުމަތީގެ ޓްރެފިކް ބަލަހައްޓަމުންދާ ކަމުގަ އެވެ. އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމާއި ޒޯންތަކާއި ޕޭމަންޓް މަތީގައި މުދާ ބަހައްޓާ ފަރާތްތަކަށް ނަސޭހަތްތެރިވެފައިވާ ކަމުގަ އެވެ.
ރޯދައަށް ބާޒާރު ސަރަހައްދު ޕްލޭންކޮށްފައިވާ ގޮތް ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ބާޒާރުމަތިން ވަކި ސަރަހައްދެއް ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 އަށް ޕާކު ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެ ސަރަހައްދުގައި ޕާކު ކުރެވޭނީ ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު އެވެ.
"މިހާރު ސިޓީ ކައުންސިލާ ގުޅިގެން އެ އޭރިއާގައި ހުންނާނީ މުދާ ބާލާ ޒޯންތަކާއި ޕިކަޕުތައް މަޑުކުރަންވީ ޒޯންތައް ކުރަހާ ނިންމާފައި،" އެ ސަރަހައްދުގައި މުދާ އަރުވައި ބޭލުމުގެ މަސައްކަތް ކުރާއިރު ބޯޓުތަކާ ގުޅިގެން ވީހާވެސް އަވަހަށް އެކަން ކުރުމަށް އެދިވަޑައިގެން ތޮލްހަތު ވިދާޅުވި އެވެ.
ބާޒާރުގެ ވަކި ސަރަހައްދުތަކަކީ ޕާކު ކުރުން މަނާ ސަރަހައްދުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އޭގެ އިތުރުން މަގުތަކުގެ ޓްރެފިކް ފްލޯއަށް ބައެއް ގަޑިތަކުގައި ބަދަލު ގެންނާނެކަން ވަނީ ފާހަގަކުރައްވާފަ އެވެ.
"ބާޒާރު ކުރަން ވަޑައިގަންނަވާ ބޭފުޅުން ވެސް އެ ސަރަހައްދުގައި ހުންނާނެ ޒޯންތައް ކުރެހިފައި. ސައިކަލް ޒޯނުތައް ވެސް ކަނޑައެޅިފައި. އެ ޒޯނުތަކުގައި ޕާކުކުރައްވާށޭ،" ބާޒާރު ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިސްކިތްތަކުގެ ޓްރެފިކް
ވޭތުވެދިޔަ ރޯދަ މަސްތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ޓްރެފިކަށް ބާރުބޮޑުވާ 22 މިސްކިތެއް ހިމެނޭ ސަރަހައްދުތައް މި ރޯދަ މަހު ފުލުހުން ބަލަހައްޓާނެ އެވެ. މިސްކިތްތައް ހިމެނޭ ސަރަހައްދުތަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭނެހެން ކޮންމެ ނަމާދު ވަގުތެއްގެ 10 މިނެޓުކުރިން ފެށިގެން ނަމާދުކޮށް ނިމެންދެން ބަންދުކުރާނެ އެވެ. އޭގެ އިތުރުން ތަރާވީހް ނަމާދާއި ދަމު ނަމާދުކުރާ ގަޑީގައި އެ ސަރަހައްދުތަކުގެ ޓްރެފިކް ބަލަހައްޓާނެ އެވެ.
ބޮޑެތި މަގުތަކުގެ ޓްރެފިކް
ތޮލްހަތު ވިދާޅުވި ގޮތުގައި މާލޭގެ ބޮޑެތި މަގުތަކުގެ ޓްރެފިކް ފްލޯ ބަލަހައްޓާނީ ބާރުބޮޑުވާ ގަޑިތަަކަށް ބަލައިގެން ކަމުގަ އެވެ. ރޯދައިގައި އެންމެ ބާރު ބޮޑުވާނެ ކަމަށް ބެލެވެނީ އޮފީސްތައް ފެށޭ ގަޑީގައި ކަމުގަ އެވެ. ވުމާ އެކު ޕާކިންއަށް ޖާގަ ލިބޭނެހެން ދުރާލާ އޮފީސްތަކަށް ދިއުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އޮފީސްތައް ހުންނަ ސަރަހައްދުތަކުގެ ޓްރެފިކް ބަލަހައްޓަމުން ގެންދާނެ ކަމުގަ އެވެ.
އެންމެ ބާރުބޮޑުވާނެ ވަގުތަކީ ހަވީރުގެ ވަގުތު ކަމަށްވާތީ އެ ވަގުތު މަގުމަތި ތަރުތީބު ކުރުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަގުތަކުގައި ކޯނު ބެރިކޭޑް ޖަހައި، މިދިޔަ ރޯދަ މަހު އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައިވާ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށެވެ. އެއީ:
- މާފަންނު ވިލި މިހާރު ހުންނަ ސަރަހައްދު
- ގާދޫ ބިލްޑިން ހުންނަ ސަރަހައްދު
- ބްރިޖް އެންޑް ހައިވޭ ގުޅޭ ޕޮއިންޓް
- ބްރިޖްވިއު ޕޮއިންޓް
- އިއްޒުއްދީން މަގު، ބޮޑުތަކުރުފާނު މަގު ޕޮއިންޓް
ޓްރެފިކަށް ބަލައި، ބައެއް ހާލަތްތަކުގައި ފާހަގަކުރެވިފައިވާ މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަމުންދާނެކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ބައެއް ޕޮއިންޓްތައް ވެސް ބަލަހައްޓަމުންދާނެ ކަމަށް ތޮލްހަތު ވިދާޅުވި އެވެ.
ބްރިޖް އެންޑް ހައިވޭގެ ޓްރެފިކް
ބްރިޖް އެންޑް ހައިވޭއަށް އެންމެ ބާރުބޮޑު ވަނީ އޮފީސް ގަޑިތަކާ ދިމާކޮށް ހުޅުމާލޭން މާލެއަށް އަންނައިރު އެވެ. އޮފީހަށް ދިއުމަށް ފަހުވަގުތު ނިކުމެ، ބާރަށް ދުއްވަން ޖެހުމުން އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވެ އެވެ.
"ބްރިޖް އެންޑް ހައިވޭގެ ބޭނުންކުރައްވާއިރުގައި، އަބަދުވެސް މާލެ ތެރެއަށް ފޭބުމަށް ޓަކައި ބޮޑުތަކުރުފާނު މަގު ހުރިގޮތަށް ގޮސް އިއްޒުއްދީން މަގު އިހުތިޔާރުކުރުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަަމަށް،" މޫންލައިޓް ހިނގުމަށް އަޅާ ކަަމަށްވާ ނަމަ، ޓްރެފިކް ބާރުބޮޑުވާނެކަން ފާހަގަކުރައްވާ ތޮލްހަތު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއަކީ އަމާން އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް އަލިއަޅުވާލާފަ އެވެ.