ޚަބަރު

މި ރޯދަ މަހު މާލޭގައި 8 އިހްޔާ ފޯރަމް އޮންނާނެ

. ، ދެން އޮންލައިން
އިސްލާމީ މަރުކަޒުގައި ބޭއްވި ދަރުހެއްގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް އިހްޔާ ފޯރަމްތަކެއް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު މާލޭގައި 8 އިހްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް އޮންނާނީ މާދަމާ ރެ އެވެ. އެ ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މައުޝޫއަށް ތަގުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މީގެ އިތުރުން އިހްޔާ ފޯރަމްތަކުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. އަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިހް އަހުމަދު ސަމީރު އިބްރާހީމް ހުސައިން، އައްޝައިޚް މުހައްމަދު ގުބާދު އަބޫބަކުރު، ފަޟީލަތުއްޝައިހް މުހައްމަދު ލަތީފު، ޑރ. މޫސާ އަންވަރު ހަސަން، ޑރ. އަނާރާ ނައީމުގެ އިތުރުން ޑރ. އަލީ ޒާހިރު ބިން ސަީދު ޤާސިމް އެވެ.

މިނިސްޓްރީން ބުނީ މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިހްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގަ އެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ 7 ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް އޮންނާނެ އެވެ.

އަތޮޅުތެރޭގައި އިހްޔާ ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެންނެވެ

އެގޮތުން މިއަހަރުގެ އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫގަ އެވެ. މި ރަށްތަކުގައި އިހްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގަ އެވެ.

މިއަހަރުވެސް އިހްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.