ޚަބަރު ވިޔަފާރި

އިތުރު ބޮޑު ބޯޓެއް ހޯދަން މޯލްޑިވިއަނުން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް / ފޮޓޯ:ރައީސް އޮފީސް

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން އެއާބަސް އޭ330-200 ގެ ދެ ވަނަ ވައިޑް-ބޮޑީ އެއާކްރާފްޓެއް ކުއްޔަށް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި އެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ރާއްޖެއަށް ގެނެސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. އެ ބޯޓާ އެކު އެއާލައިނުން ވަނީ ޗައިނާގެ ޗެންޑޫއަށާއި ބެއިޖިން އަދި ޝަންހާއީއަށް ދަތުރުތައް ފަށާފަ އެވެ.

އެ ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓުގެ އިތުރުން 210 އިކޮނޮމީ ސީޓު ހިމެނެ އެވެ. ބޯޓުގައި ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

މޯލްޑިވިއަނުން ގެނައި ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އިފުތިތާހު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެ އެއާލައިނުގެ އޮޕަރޭޝަންތައް ފުޅާކުރަން ދެ ވަނަ އެއާކްރާފްޓެއް ގެންނާނެކަން ފާހަގަކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަރުހަލާތައް ނިމި، އޮކްޓޯބަރު މަހާ ހަމައަށްދާއިރު، ދެވަނަ ބޯޓު އުދުހެން ފަށާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިތުރު ބޯޓެއް ހޯދަން ނިންމައި، އައިއޭއެސްއިން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ އެއާލައިނުގެ ފްލީޓަށް އެއާބަސް އޭ330-200 ގެ ބޯޓެއް ކުއްޔަށް ހިފަން ބޭނުން ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

ބޯޓުގައި ބިޒްނަސް އަދި އިކޮނޮމީ ކްލާސް ކެބިން ހުންނަން ޖެހޭއިރު، ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަން ވާނެ ކަމަށް އިއުލާނުގައިވެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 7 ވަަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި އެވެ.

އެ މުއްދަތު މިރޭ 11:59 އަށް ހަމަވާއިރު، އައިއޭއެސްއިން އިއްޔެކުރި އިއުލާނުގައި ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަން ހާމަކޮށްފަ އެވެ. އިތުރުކުރި 7 ދުވަހާ އެކު، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރަން ދެ ވަނަ އެއާކްރާފްޓެއް ހޯދުމާ ގުޅޭގޮތުން ކުރިން ދެއްކެވި ވާހަކަފުޅު ތަކުރާރުކުރައްވާފަ އެވެ. ވިދާޅުވެފައި ވަނީ ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ގައުމީ އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިތުރު ވައިޑް-ބޮޑީ އެއާކްރާފްޓެއް އޮކްޓޫބަރުގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބޯޓާ އެކު ޔޫރަޕުގެ ބައެއް މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށޭނެކަން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ރައީސް ފާހަގަކުރެއްވި އެވެ.

ވައިޑް-ބޮޑީ އެއާކްރާފްޓާ އެކު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބޯޓުތަކުގެ އަދަދު ވަނީ 25 އަށް އިތުރުވެފަ އެވެ. ޗައިނާ އާ ދެމެދު ފެށި ދަތުރުތަކާ އެކު މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތަކުގެ އަދަދު 29 އަށް ވަނީ އިތުރުވެފަ އެވެ.

Ads by Allied Insurance