ނިއުދިއްލީ ހާފް މެރަތަންގެ އެއްވަނަ އައިލެންޑް ރަނާސްގެ ޝިފާޒަށް

އިންޑިއާގެ ވެރި ރަށް، ނިއުދިއްލީގައި ކުރިއަށް ދިޔަ "އެޕޯލޯ ނިއުދިއްލީ މެރަތަން" ގެ ހާފް ކެޓަގަރީގެ އޭޖް ކެޓަގަރީން އެއްވަނަ އައިލެންޑް ރަނާސްގެ ޝިފާޒު މުހައްމަދު ހޯދައިފި އެވެ.
މެރަތަންގައި ޝިފާޒު ދުވީ 30 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާއަށް ހާއްސަކުރި ކެޓަގަރީންނެވެ. އޭޖް ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ރާއްޖޭގެ ނޭޝަނަލް ޓީމަށް ކޮލިފައިވާ ޓައިމިންއަށް ވުރެ އަވަސް ޓައިމިންއެއްގަ އެވެ. އެއީ 1:13:14 (އެއް ގަޑިއިރާއި 13 މިނެޓު، 14 ސިކުންތު) އެވެ.
ޝިފާޒު ވަނީ މީގެކުރިން ރާއްޖޭގައި ބޭއްވި ދިގު ދުވުންތަކުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާގެ މި ޓައިމިންއަކީ މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެތުލީޓަކު ހާފު މެރަތަންއެއްގައި ހެދި އެންމެ ރަނގަޅު ޓައިމިން އެވެ.
އިންޑިއާގެ ވެރި ރަށުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މެރަތަންގައި އައިލެންޑް ރަނާސްގެ ގިނަ ދުވުންތެރިންތަކެއް ވަނީ ބައިވެރިވެފަ އެވެ.
މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފުލް މެރަތަން ދުވުމުގެ ރާއްޖޭގެ ރެކޯޑު އޮންނަ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗް) ވަނީ ދުވުމުގައި ބައިވެރިވެފަ އެވެ. މިއީ ނަސްރުގެ 98 ވަނަ ފުލް މެރަތަން އެވެ.
ޝިފާޒު އާއި ނަސްރުއަކީ ދިވެހި ސިފައިންގެ ކްލަބަށް ނިސްބަތްވާ ދެ ދުވުންތެރިންނެވެ.
[caption id="attachment_274343" align="alignnone" width="1024"]<img class="wp-image-274343 size-full" src="https://cdn.dhen.mv/wp-content/uploads/2025/03/big_VPY0A2jpbXpGR5C.jpg" alt="" width="1024" height="600" /> ނިއުދިއްލީ ހާފް މެރަތަންގައި ބައިވެރިވި އައިލެންޑް ރަނާސްގެ ދުވުންތެރިން --[/caption]
އައިލެންޑް ރަނާސްއިން ބައިވެރިވި އިތުރު ދުވުންތެރިން ވެސް ވަނީ މެރަތަންގައި ރަނގަޅު ޓައިމިންތަކެއް ހަދާފަ އެވެ.
މެރަތަންގައި ހަތަރު ގަޑިއިރު ބްރޭކްކުރި ދުވުންތެރިންގެ ލިސްޓުގައި އައިލެންޑް ރަނާސްގެ ޝަންނަ ވަނީ ހިމެނިފަ އެވެ. އޭނާގެ 17 ވަނަ ފުލް މެރަތަން ނިންމާފައި ވަނީ 3:51 (ތިން ގަޑިއިރާއި 51 މިނެޓު) އިންނެވެ.
ހާފް މެރަތަންގައި ބައިވެރިވި ހުސައިން ޝިރާޒު، 1:26 (އެއް ގަޑިއިރާއި 26 މިނެޓު) އަދި އިބްރާހިމް ނާއިފް، 1:27 (އެއް ގަޑިއިރާއި 27 މިނެޓު) އިން ވަނީ ދުވުން ނިންމާފަ އެވެ. މުހައްމަދު ޔައުގޫބު ދުވުން ނިންމީ 1:37 (އެއް ގަޑިއިރާއި 37 މިނެޓު) އިންނެވެ.







ކޮމެންޓް