ޑްރަގާއި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އާއެކު ތިން މީހަކު ހައްޔަރުކޮށްފި

ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށް ވުރެ ގިނަ ރުފިޔާ އާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަ އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:
- ތ. ގާދިއްފުށި، ކެނެރީގެ، އިބްރާހީމް އިމާދު (30އ)
- މއ. ވިންޑްސްޓަ 1 / މާލެ، މުހައްމަދު ސިމްރާހް (43އ)
- ގދ. ރަތަފަންދޫ، ޒަމާނީއާގެ، ސަލާހު ޝިހާބް (45އ)
ފުލުހުން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 57.78 ގުރާމް ހުރި ކަމަށެވެ. އޭގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ސިމްރާހާއި ސަލާހު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމުގަ އެވެ. އަދި އިމާދު ކޯޓުން ދޫކޮށްލާފައިވާ ކަމުގަ އެވެ. އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާކަން ވެސް ފާހަގަކުރި އެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.