ޚަބަރު

ޑިގްރީއަކީ ފުރަތަމަ މަރުހަލާ، ކިޔަވަމުން ވަޒީފާ އަދާކޮށްގެން ފުރިހަމަ ނަތީޖާ ނުނެެރެވޭނެ: ހައިދަރު

ރާޔާ ރިޟާ ، ދެން އޮންލައިން

ފުރަތަމަ ޑިގްރީއަކީ މަތީ ތައުލީމުގެ ބިންގާ ކަމަށާއި، ވަޒީފާ އަދާކުރަމުން ކިޔަވައިގެން ހަދާ ޑިގްރީން ފައުންޑޭޝަން ރަނގަޅު ނުވާނެ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންްޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

"ދެން" ގެ އެކްސްލޫސިވްގައި ފްރީ ޑިގްރީ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ މިވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ ދަރިވަރުން ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރަމުން ކިޔަވަމުންދާ ދިއުން ކަމަށެވެ. އެކަމުގެ ސަބަބުން ތައުލީމުގެ ފެންވަރު ދަށްވެގެންދާކަން ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި މިހާރު ކަންތައްތައް ހުންނަ ގޮތުން ގިނަ ޔުނިވާސިޓީތަކާއި ކޮލެޖުތަކާ މިހިރީ މާލޭގައި. ދެން މާލޭގައި ދިރިއުޅުމުގެ ހަރަދުތައް ހުންނަ ގޮތުން އަދި ފްރީ ޑިގްރީ ކިޔެވުނަސް ވެސް ދިރިއުޅުމުގެ ހަރަދުތަކަށް ދެވޭނެ އެއްޗެއް ނޯވޭ އޭގެ ތެރެއަކުންނެއް،"ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ދަރިވަރުން ހެނދުނު ގަޑީގައި މަސައްކަތް ކޮށްފައި ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 އާ ދެމެދު ކިޔަވަމުން ދަނީ ޕާޓްޓައިމްކޮށް ކަމުގަ އެވެ.

"ފުލްޓައިމް އެޑިއުކޭޝަން އެކޭ އަޅުގަނޑު ނުދެންނެވޭނެ. އެއީ ޕާޓްޓައިމްކޮށް ޑިގްރީއަށް ކިޔަވަނީ. އެހެންވީމާ ވަރަށް ބޮޑަށް ފެންވަރު ނުހިފެހެއްޓޭ... ސައްވީސް ގަޑިއިރު އޮންނައިރު، އޭގެތެރެއިން އަށް ގަޑިއިރު އެހެން މަސައްކަތެއް ކޮށްފައި، އަށް ގަޑިއިރު ނިދާފައި، ބާކީ އަށް ގަޑިއިރު ތެރޭގައި ޒަރޫރީ އެހެން ބޭނުންތައް ފުއްދާފައި ކިހިނެއްތޯ ފުލްޓައިމް އެޑިއުކޭޝަނެއް ކުރިއަށް ގެންދާނީ،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވީ ފުރަތަމަ ޑިގްރީއަކީ މަތީ ތައުލީމުގެ ބިންގާ އެޅޭ މަރުހަލާ ކަމަށާއި، އެ މަރުހަލާގައި ފުލްޓައިމްކޮށް ކިޔަވައިގެން ނޫން ގޮތަކަށް ރަނގަޅު ފައުންޑޭޝަނެއް ނޭޅޭނެ ކަމަށެވެ. އަދި އެގޮތަށް ޑިގްރީ ހަދައިގެން ނުކުންނަ ދަރިވަރުންގެ ފެންވަރު ދަށްވާނެ ކަމަށެވެ.

އެކަމަށް ހައްލު ހޯދުމަށް ޓަކައި ޕްރައިވެޓް ކޮލެޖްތަކާއި ޔުނިވާސިޓީތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. ވިދާޅުވީ ފްރީ ޑިގްރީ ޕްރޮގްރާމުގެ އެންމެ ރަނގަޅު ފައިދާ ހޯދުމަށް ޓަކައި ދަރިވަރުން ފުލްޓައިމްކޮށް ކިޔެވޭނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ކަމަށެވެ.

"ކޮންމެވެސް އެކައްޗެއް ދެއްތޯ ފުލްޓައިމް ކުރެވޭނީ. ވަޒީފާތޯ ފުލްޓައިމް ކުރާނީ އެޑިއުކޭޝަންތޯ... ކޮންމެވެސް އެކައްޗަކަށް އިސްކަން ދީގެން ހެން އަޅުގަނޑަށް ހީވަނީ އެ ހައްލު ކުރެވޭނީ،" ހައިދަރު ވިދާޅުވި އެވެ.

ލިބެން ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން ވަނީ 20،337 ދަރިވަރުންނަށް 695 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.

  1. މަން

    ކިޔެވެން އޮތް ގޮތް ވެސް ނޮގުޅައި ގަންނަނީ. ފުލްޓައިމްކޮށް ކިޔަވައިގެން ނޫނީ ވަޒީފާއެއް ވެސް އަދި ކައިވެންޏެއްވެސް ނުކުރެވޭނެ. ލިބިފަތިބި ދަރިއްނަށް އެކަނިވެރި މަޔަކަށްވެ ހުރެ އެކުދިންގެ ކަންކަން ބަލަހައްޓާނެ ގޮތްވެސް ގެއްލުވާލަނީ. ފެންވަރު ނުގެއްލޭނެ ގޮތަކަށް ތިކިޔަވާދޭ އެއްޗެއް ކިޔަވައިދީ. އަހަރެމެން މިހާތަނަށް ކިޔެވީކީ ސަރުކާރުން ލާރި ދީގެނެއްނޫން އިންގޭތޯ؟

  2. ކޮޔާ

    ހައިދަރު ބުންޏަސް ތެދެއްވާނީ ތެދަކަށް އޮންލައިންކިށް ކޯސްހެދީމަ އޭގެ ނަތީޖާ ވ ހިތި ކުއްޖަކާ ސްކުލުގަވެސް ވާހަކަ ދައްކަން ނޭނގޭ ޕަބްލިކް ރިލޭޝަން އެހާދަށް

  3. އިބްރާހީމް

    ސަތޭކައިގެ ވާހަކައެއް. ހިލޭ ޑިގްރީ ލިބެންވީ ފުލްޓައިމް ކޮށް ކިޔަވާ ދަރިވަރުންނަށް އެކަނި. އަދި އެމް. އެން. ޔޫ. ގައި ކުރިޔަށް ގެންދާ ޕްރޮގްރާމް އެއްނަމަ އެތަނުން ކިޔަވަންވާނީ.

  4. ބާބޫ

    ގިނަ ޓީޗަރުން ޑިގްރީ އާ މާސްޓާ އާ ހަދާފަ އޮންލައިންކޮށް. ކުރީގެ ޑިމޮލޮމާ ނުވަތަ އެޑްވާންސް މީހުނަށް ވުރެ ފެންވަރުދައް. ތުއި ދައްކާފަ ކިޔަވާދޭނެ ވަގުތެއް ނޯވޭ…..

  5. ފިޒާން

    ވަޒީފާ އަދާކުރަމުންވެސް ރަގަޅު ފެންވަރަށް ކިޔަވާ ކުދިން ކިޔަވާ.. އެހެން ގައުމުތަކުގަ ވެސް ވަޒީފާ އަދާކުރަމުން ކިޔެވުމުގެ ފުރުސަތު އޮވޭ..މީގަ މުހިންމީ ކިޔަވާދޭ ތަންތަނުން ފެންވަރު ހިފެހެއްޓުން.. ކޮންމެ ތަނަކަށް ދިޔަޔަސް ވަޒީފާ އަދާކުރިޔަސް ހިލޭ ކިޔެވުމުގެ ފުރުސަތު އޮންނަންވާނެ..އެއުޅެނީ އެހެން ކިޔައިގެން ހިލޭ ޑިގްރީ ހަދާކުދިން ގިނަވީމަ ކިޔެވުމުގެ ލާރި ނުދޭން ވަޒީފާ އާ މަތިކޮށް.. ނިކަމެތިންނަށް ނިކަމެތިގޮތް ..ރާއްޖެ މިދަނީ ފަހަތަށް