ލިވަޕޫލް ފުޓްބޯލް ކްލަބުގެ އެކަޑަމީއެއް ރާއްޖޭގައި ގާއިމުކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ހެދި ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕުގެ ދަށުން އެ ކްލަބުގެ އެކަޑަމީއެއް ރާއްޖޭގައި ގާއިމުކުރަން ހަމަޖެހިއްޖެ އެވެ.
ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކުރަން ހަމަޖެހިފައިވާކަން އެމްއެމްޕީއާރުސީން ހާމަކޮށްފައިވާއިރު، އެ ކޯޕަރޭޝަނުން މިއަދު ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެ ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސާފައިވާކަން އިއުލާނުކޮށްފަ އެވެ.
މި ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާހުކުރާނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ޕާޓްނާޝިޕްގައި ރާއްޖޭގައި ލިވަޕޫލް އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމުގެ އިތުރުން ޑެސްޓިނޭޝަން ބްރޭންޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް ވެސް ހިމެނޭ ކަމަށެވެ.
ފޭން ޒޯންތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓްތަކާއި ބައިވެރިވާ ފެއާތަކާއި ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކަމާއި ބުކިންތައް އިތުރުވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އަދި ޕްރިމިއަމް ބްރޭންޑިން، ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރީޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާ، އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެ ކަމަށް ބެލެވޭކަން ވެސް ފާހަގަކުރި އެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެއަކީ ލީޑިން ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ ކެންޕެއިނެއް ކަމަށެވެ.
އެލްއެފްސީގެ ބައިނަލްއަގުވާމީ ނުފޫޒުގެ ބޭނުން ހިފައިގެން ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިހުތިޔާރު ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.
"ފުޓުބޯޅަ އާއި ދަތުރުފަތުރުގެ ސަބަބުން މީހުން އެއްތަނަކަށް ޖަމާވެ، ހަނދާން ނައްތާނުލެވޭ ފަދަ އިހުސާސްތަކެއް އުފައްދައިދޭ،" ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
"މި ޕާޓްނާޝިޕުން އަޅުގަނޑުމެންގެ އަމާޒަކީ ހުވަފެންތައް ހަގީގަތަކަށްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުންނަށް ހިތްވަރުދިނުން،"
މި ޕާޓްނާޝިޕުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާއިރު ލަގްޒަރީ، އެޑްވެންޗަ އަދި ތަފާތު ތަޖުރިބާތައް ހޯދުމަށް ބޭނުންވާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ފާހަގަކުރެ އެވެ.
