75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން، ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 15 ރަށުގައި އާރުޑީސީން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 15 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް / ފޮޓޯ:ފުލުހުން
ފުލުހުން ބުނީ އެ ހިދުމަތުގެ 91 އަހަރުގެ ތާރީހުގައި މިހާތަނަށް މުޅި ރާއްޖޭގައި ހުރީ ޖުމުލަ 17 އަމިއްލަ ސްޓޭޝަން ކަމަށެވެ. ހިދުމަތް ގާއިމުނުވެވާ 70 ރަށެއް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އައިއިރު އޮތް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ހިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާ އެކު ހިދުމަތް ގާއިމުކުރެވިގެން ދާނެެ ކަމަށެވެ.
މި މަޝްރޫއު ނިމުމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ. އެކަމުގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެކަން ފާހަގަކުރި އެވެ.

ފެނަކަ އާ ހަވާލުކޮށްފައި ވަނީ 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް / ފޮޓޯ:ފުލުހުން
މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
ފުލުހުން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ އިމާރާތްތަކުގެ ތެރޭގައި އެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި އަތޮޅު ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭ ކަމުގަ އެވެ. އޭގެ އިތުރުން ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީ ކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާ އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީ ކުރުން ހިމެނޭ ކަމުގަ އެވެ.

އާރުޑީސީ އާ ހަވާލުކޮށްފައި ވަނީ 20 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް / ފޮޓޯ:ފުލުހުން
މި މަޝްރޫއަކީީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ކުށްކުރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.
މި އަހަރަކީ އުމްރާނީ ތަރައްގީގެ އަހަރެއްގެ ގޮތުގައި ރައީސް ތަސައްވަރު ކުރައްވާފައިވާއިރު، މި މަޝްރޫއަކީ އެ ތަސައްވަރާ އެއްގޮތަށް ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް ފުލުހުން ފާހަގަކުރެ އެވެ.
