ޚަބަރު

ރައިސީނާ ޑައިލޮގަށް ހަލީލު އިންޑިއާއަށް، ޖައިޝަންކަރާ ބައްދަލުކުރައްވާނެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު, އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ އެކު

އިންޑިއާގެ ވެރި ރަށް، ނިއުދިއްލީގައި ބާއްވާ ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

Ads by MPL

ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުންދާ ފޯރަމެކެވެ. މި ފޯރަމަކީ ބައިނަލްއަގުވާމީ ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާތަކަށް ހާއްސަ ކުރެވިގެން ބާއްވާ ފޯރަމެކެވެ.

ރައިސީނާ ޑައިލޮގްގެ 10 ވަނަ އެޑިޝަނުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އިންޑިއާއަށް ފުރާވަޑައިގެންފައި ވަނީ ރޭގަ އެވެ. ފޮރިން މިނިސްޓްރީން ބުނީ ހަލީލު އިންޑިއާއަށް ކުރައްވާ ދަތުރަކީ ދެ ދުވަހުގެ ރަސްމީ ދަތުރެއް ކަމަށެވެ.

މިއަދުން ފެށިގެން ބުދަ ދުވަހަށް ނިއުދިއްލީގައި ކުރިއަށް ގެންދާ ޑައިލޮގްގެ ތެރެއިން ބާއްވާ ޕެނަލް ޑިސްކަޝަންއެއްގައި ހަލީލު ވާހަކަ ދައްކަވާނެ އެވެ. އެ ޕެނަލް ޑިސްކަޝަންގައި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ނާޒުކު މައްސަލަތަކަށް ހޭނުމަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ހަލީލު ވާހަކަ ދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރައިސީނާ ޑައިލޮގްގެ ހަވާސާގައި ފޮރިން މިނިސްޓަރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށެވެ. ޑައިލޮގްގައި ބައިވެރިވަޑައިގަންނަވާ އެހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ވެސް ހަލީލު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރުގެ ދަތުރުގައި އެ މިނިސްޓްރީގެ ޑިރެކްޓަރުން ކަމަށްވާ އަހްމަދު ސުޒިލް އާއި އައިޝަތު ޝަހުލާ ބައިވެރިވެވަޑައިގަންނަވަ އެވެ.

Ads by Ooredoo