1.5 ކިލޯގެ ޑްރަގާއެކު ޑްރަގް ވިޔަފާރި ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފި

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ޑްރަގް ވިޔަފާރި ކުރާ ބަޔަކު 1.5 ކިލޯއަށް ވުރެ ގިނަ ޑްރަގާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މާފަންނު ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނުއިރު އެ ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށް ވުރެ ގިނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ސ. މަރަދޫފޭދޫ / ނަސީމީގެ، މުޙައްމަދު ޝާނީޒް (46އ) އާއި މާލެ، މ. ސައިރިއަސް، މުޙައްމަދު ޠިބާޤް (39އ) އާއި ވ. ރަކީދޫ / ޖަންބުގެ، ފަރީދާ އަބްދުއް ރަހުމާން (35އ) އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިބާގު އާއި ފަރީދާ 15 ދުވަހަަށް އަދި ޝާނީޒް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ،
