ޚަބަރު ވިޔަފާރި

އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކުގެ އެމްޑީ އިސްތިއުފާ ދެއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޑިވެލޮޕްމަންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ: މަގާމުން މިއަދު ވަނީ އިސްތިއުފާ ދެއްވާފައި / ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އިސްތިއުފާ ދެއްވައިފި އެވެ.

Ads by MPL

ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓް ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އުފެއްދި ބޭންކެކެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނޮއެލް ހުށަހަޅުއްވާފައިވާތީ އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ނޮވެލްއަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސައޫދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕާސަންގެ އިތުރުން އިރުދެކުނު އޭޝިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓުތައް މެނޭޖްކުރައްވާފަ އެވެ. ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ނޮވެލް ވަނީ އެ ދާއިރާތަކުން ހުނަރާއި ގާބިލުކަން ދައްކަވާފަ އެވެ.

ނޮވެލް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މެނޭޖްމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓާ އޮފް ފިލޯސަފީ ހާސިލު ކުރައްވާފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ނޮއެލް މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެ އެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އުފައްދަވާފައި ވަނީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކް ހުޅުވުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދީފައި ވަނީ އޮކްޓޯބަރު މަހު އެވެ. އެ އާއެކު ބޭންކް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ.