ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހަދާ އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ޙައްލުހޯދުމަށް ތައްޔާރުކުރަމުންދާ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މިއީ މާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މި ވަގުތަށް ހައްލުހޯދައިދިނުމަށް ތައްޔާރުކުރަމުންދާ އިމާރާތެެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ އެ ޒިޔާރަތުގައި ކެބިނެޓުގެ މިނިސްޓަރުންނާއ ޝަރުއީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންވެި ކަމަށެވެ. އަދި އެ ޒިޔާތަރުގައި ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވައި، އެޗްޑީސީގެ އިސް ބައެއް ބޭފުޅުންނާއި ހައުސިން މިނިސްޓަރުގެ އަރިހުން އެ މަސައްކަތުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް އޮޅުންފިލުއްވި ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުމުގެ މައްސަލަ އެވެ.
އެހެންވެ ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
ދަޢުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޝަރުއީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުން ނެވެ.
